ޑިމޮކްރެސީ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެނެވަޑައިގަންނަވާ އެއްޗެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވުމާ ގުޅިގެންނެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މިދާ ރޭޓުން ދާނަމަ ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މެމްބަރުންތަކެއް ވެސް އަދި އައްޔަން ކުރައްވާނެ ކަމަށާއި ގައުމުގެ ކަންކަން މިއަދު މިދަނީ އެހާ ހިސާބަށް ކަމަށެވެ.
"ޑިމޮކްރެސީ އުނބަކަށް ވެސް ނޫން އެކަނި ޖަހައިގެން މި އުޅެނީ. ޑިމޮކްރެސީ ކިޔާ އެއްޗެއް މި ބޭފުޅާ (ރައީސް މުއިއްޒު) ނުވެސް ދަންނަނީ. ބޭނުމެއް ނޫން އެކަން ކުރާކަށް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައީސް މުއިއްޒަށް ޑިމޮކްރެސީގައި ހުންނަ އުސޫލުތަކާ އެކީ ގާނޫނަށް ތަބާވާން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން ގާނޫނަށް ތަބާވާނަމަ މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓު ސަރުކާރުން ހަރަދުކުރި ގޮތް ކިޔައިދޭންޖެހޭ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
މި ބިލުތަކުގައިވާ ގޮތުން ކޮމިޝަންގެ ރައީސް ނުވަތަ ނާއިބު ރައީސަކު އައްޔަން ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ އެވެ.
އެ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު، ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ނުވަތަ، ނާއިބުރަ އީސް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން އެ ދެ ކޮމިޝަނަށް ވެސް ރައީސަކާއި ނާއިބު ރައީސަކު އައްޔަންކުރަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުންނެވެ.