މިނިވަން އެހެން މުއައްސަސާތަކުގެ އިތުރުން އަދި އަތޮޅު ކައުންސިލްގެ ރައީސުން ވެސް ރައީސް އައްޔަންކުރައްވާ ގޮތަށް ހަދަން ޖެހޭ ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސަށް ރުހުން ދޭ މީހަކު އިހްތިޔާރު ކުރުމުގެ ބާރު ރައީސަށް ދޭ ގޮތަށް އެ ކޮމިޝަންގެ ގާނުނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ގެނައުމުގެ ބިލަށް މިއަދު ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ރައީސް ފޮނުއްވާ ނަމަކަށް އޭސީސީގެ ރައީސަށް ރުހުން ދިނުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އަދި ކޮމިޝަންތަކަށް މެންބަރުން އައްޔަން ކުރަން މަޖިލީހަށް ފޮނުއްވަނީ ވެސް ރައީސްކަން ވެސްް އޭނަ ފާހަގަކުރެއްވި އެވެ.
"މިހާރު މި އޮތް ގޮތާ އެއްވެސް ތަފާތެއް އަޅުގަނޑަކަށް ނުފެނޭ. އެއީ މަޖިލީހަށް ހުށަހަޅައިގެން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅަކަށް އޭސީސީގެ ރައީސްކަން ކުރެވޭ ގޮތަކަށް އޮތުމަކީ އެންމެ ރަނގަޅު ގޮތް،" އައިބީ ވިދާޅުވި އެވެ. "ހުރިހާ ކޮމިޝަންތައް ވެސް އެގޮތަށް ބަދަލު ކުރަންވީ."
އޭނަ ވިދާޅުވީ ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތައް ބައިވަރު ކަމަށާއި ކޮމިޝަންތައް ރަނގަޅަށް ހިންގައި އެ މައްސަލަތައް ހައްލުކުރުމައްޓަކައި އޭރަކު ހުންނަ ގައުމުގެ ވެރިޔަކު ބޭނުންވާ ބޭފުޅަކު އެ ތަންތަނުގެ ރައީސުންނަށް އައްޔަންކުރެވެން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު މި ވާހަކަ ދައްކާތީ ބައެއް ބޭފުޅުން ރުޅި އަންނާނެ. އެކަމަކު ހަގީގަަތަކީ މި ރާއްޖޭގައި މި ތިބަ އަތޮޅު ކައުންސިލްތަކުގެ ރައީސުން ވެސް ގެންދަންވީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްގެން." އައިބީ ވިދާޅުވި އެވެ.
އިންތިހާބު ކުރާ އަތޮޅު ކައުންސިލްގެ ރައީސުންނަށް އަތޮޅު ހިންގޭނެތޯ ސުވާލު އުފައްދަވައި އޭނަ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމް ގެނައުމުގެ ކުރިން އޮތް އަތޮޅު ވެރިންނާއި ކަތީބުން އައްޔަން ކުރާ ނިޒާމެއް ކަމަށެވެ.
"އޭރުގައި ރައީސުލްޖުމްހޫރިއްޔާ އަތޮޅު ވެރިން ނުނީ ކަތީބުން އައްޔަން ކުރި ޒަމާނުގައި މާ ރަނގަޅަށް ނޫންތޯ އަތޮޅުތަކުގެ ކަންތައްތައް ހިނގަމުން ދިޔައީ." އައިބީ ވިދާޅުވި އެވެ. "އޭރުގައި އޮންނަ ސަރުކާރާ ގުޅިގެން، ސަރުކާރުން އެދޭ ގޮތަކަށް ތަރައްގީގެ މަޝްރޫއޫތަކާއި ގައުމަށް ލިބޭ އެއްޗަކާއި ނުލިބޭ އެއްޗަކަށް ރިއާޔަތްކޮށް ބަލައިގެން ކަންތައްތައް ކުރަމުން ދިޔައީ."
އޭނަ ވިދާޅުވީ މިހާރު ކައުންސިލަރުން ވެސް ހައްދަވަނީ އެ މީހަކު ހިތުހުރި ގޮތެއް ކަމަށެވެ.
"ވެރިޔަކު ބުނާ ގޮތަކަށް ވެސް ނަހަދައި ދައުލަތުން އަންގާ ގޮތަކަށް ވެސް ނަހަދައި ސަރުކާރުން އަންގާ ގޮތަކަށް ވެސް ނަހަދާ." އައިބީ ވިދާޅުވި އެވެ.
އޭސީސީ އާއި އިލެކްޝަ ކޮމިޝަން (އީސީ) ގެ ރައީސުން ކަނޑައެޅުމުގެ ބާރު ރައީސް ލިބިދޭ ގޮތަށް ހުށަހެޅި ބިލްތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވެސް އެކަން ބަލައިނުގަނެވޭނެ ކަމަށް އިއްޔެ ބުނެފައިވެ އެވެ.