Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ޔާމީނަށް އިތުބާރު ގެއްލުނީ މިނިވަން މުއައްސަސާތަކުން ކަންކުރި ގޮތުން

މެންބަރު މުހައްމަދު ޝާހިދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަދި އެމަނިކުފާނުގެ އާއިލާއަށް ރައްޔިތުންގެ އިތުބާރު ގެއްލުނީ ރާއްޖޭގައި ހުރި ބައެއް މިނިވަން މުއައްސަސާތަކުގެ ސަބަބުން ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް މެންބަރުން ބަހުސް ކޮށްފައިވާއިރު އެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ޝާހިދު ވިދާޅުވީ ރައްޔިތުންނަށް ހެވާއި ލާބަޔާއި މަންފާ ހޯދަދިނުމަށް މިނިވަން މުއައްސަސާތަކުން ކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.

2013 އިން 2018 އަށް ވަރަށް ފަހުރުވެރި ވެރިކަމެއްގައި ތިބިކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު އެމަނިކުފާނާއި އާއިލާގެ ބޮލުގައި ވައްކަމުގެ ތުހުމަތު އެޅުވުނު ކަމަށެވެ. އަދި އެހިސާބަށް ކަންކަން ދިޔައީ މިނިވަން މުއައްސަސާތަކުގެ ވާޖިބު އަދާ ނުކުރެވުމުން ކަމަށެވެ.

"އެއްދުވަހު އޭސީސީގެ ރައީސް ގޮސް ވިދާޅުވާނެ، ތި ރަނގަޅަށޭ ދިޔައީ. އަނެއްކޮޅުން ޕޮލިހަށް ގޮސް ރިޕޯޓް ދޭއިރު ބުނަނީ، ނޫނޭ ވަރަށް ގޯހޭ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރައީސް ޔާމީނާއި މެޑަމް ފާތުންނަށް ރައްޔިތުންގެ އިތުބާރު ގެއްލުނީ މިފަދަ މިނިވަން މުއައްސަސާތަކުން ކަންތައް ކުރިގޮތުން ކަމަށެވެ. އޭރު ސޮދަގާތް ފައުންޑޭޝަން ހަދައިގެން ކުރިކަންކަމާ ގުޅިގެން ވާހަކަ ދެކެވުނުއިރު މިނިވަން މުއައްސަސާތަކުން ކުރީ ކޮން ކަމެއްތޯ ޝާހިދު ސުވާލު އުފެއްދެވި އެވެ. އޭރު އެކަންކަން ހިނގިއިރު އެކަންކަން ބަލާ ފިޔަވަޅު އަޅަންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ ހިތުގައި މިނިވަން މުއައްސަސާތަކުގެ ވެރިންނާމެދު ނުތަނަވަސްކަން އުފެދެނީ މިފަދަ ކަންކަމުގެ ސަބަބުން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. މިނިވަން މުއައްސަސާތަކަށް އައްޔަނުކުރެވޭ ބޭފުޅުން ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.