ރައީސުލްޖުމްހޫރިއްޔާއަށް ބާރުތައް ދީގެން ނޫނީ ކަންކަން އިސްލާހު ނުވާނެ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން މެންބަރު ސަލީމް ވިދާޅުވީ މިހާރުވެސް ތަންތަނަށް ބޭފުޅުން އައްޔަނު ކުރުމަށް ނަންތައް ފޮނުއްވަނީ ރައިސުލްޖުމްހޫރިއްޔާ ކަމަށާއި އެ ނަންތައް އައުމުން މަޖިލީހުން ނަގަން ބުނާ މީހަކު ނަގާ ކަމަށެވެ. މިހާރު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާމެދު އެމްޑީޕީގެ މެންބަރުން ކަންބޮޑުވާންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.
މީގެއިތުރުން ފެހި ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަން މިހާރު އޮތް މިނިވަން މުއައްސަސާތަަކަށް އިސްލާހު ކުރެވުނީ ކޮން ކަމެއްތޯ ސަލީމް ސުވާލު އުފެއްދެވި އެވެ.
"އެހެންމަ އަޅުގަނޑުމެން އެބަޖެހޭތާ އިތުރު ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ދީގެން ނަމަވެސް މިގައުމުގަ ހިނގާ ކޮރަޕްޝަނާއި ފަސާދައާ ކަންކަން ހުއްޓުވުމަށްޓަކައި ބޭނުންކުރެވެން ހުރި ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އެބަޖެހޭ ބޭނުންފުޅު ކުރައްވަން." ސަލީމް ވިދާޅުވި އެވެ.
ބާރުގެ ބޭނުންކޮށްގެން ގައުމުގައި ހިނގާ ކަންކަން ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއްކަން ފާހަގަކޮށް ސަލީމް ވަނީ ރައީސްއަށް ބާރުތައް ނުދޭންވީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ރައީސްއަށް ބާރުތަށް ނުދީ ކަންކަން އިސްލާހު ނުވާނެކަން ފާއިތުވިތަނުގައި ކަން ވެފައިވާގޮތުން އެނގޭކަމަށާއި އެއްވެސް މިނިވަން މުއައްސަސާއެއް ރަނގަޅަށް ނުހިނގާކަމަށް ސަލީމް ވިދާޅުވި އެވެ.