Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ޔާމީން ވަގަށް ނެގި ފައިސާ ދީފިނަމަ އިތުރު ލޯނެއް ނަގާކަށް ނުޖެހޭނެ

މެންބަރު އިބްރާޙިމް ފަލާހު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރެއްވިއިރު ވަގަށް ނެގި ފައިސާ ދީފިނަމަ އިތުރު ލޯނެއް ނަަގަން ނުޖެހޭނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ކޮންގްރެސް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ގާނޫނު އިސްލާހުކުރަން ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހުރި ޔާމީންގެ އެކައުންޓުތަކުގައި އަދި ގޭގައި ގިނަ އަދަދަކަށް ފައިސާ ހުންނާނެ ކަމަށާއި ޔާމީން ބިރުން އުޅުއްވަނީ ކޮމިޝަންތަކުން މި ތަކެތި ހޯދަން އުޅެފާނެތީ ކަމަށެވެ.

"އެމްޑީޕީން މި ދައްކާ ވާހަކަތަކަކީ އެމްޑީޕީން އެކަނި ވިސްނުމަކަށް ނޫން އެވާހަކަ ދައްކަނީ. ރޭގަ އެބޭފުޅުން، ރައީސް ޔާމީނާ އަދި އެމްޑީޕީގަ ވެސް ވައްކަންކޮށްފަ ތިބި ބޭފުޅުން، އެބޭފުޅުންނަށް ލައިދީފަ ހުންނާނީ މިއަދު ވާހަކަ ގެންނަވާނީ މިހެންނޭ، މިހެން މިކަން ކޮށްފިއްޔާ ވަގަށް ނަގާފަ ހުރި ލާރިކޮޅު ފަހަރެއްގަ މިތަންތަނުން ނަގައިގެން ގެންގޮސްފާނެއޭ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ޔާމީނަށް ސަރުކާރުގައި ވަޒީފާއެއް އަދާކޮށްގެން މިއަދު އުޅުއްވާ މުއްސަނދި ދިރިއުޅުން ނޫޅެވޭނެ ކަމަށާއި އެމަނިކުފާނު ހިންގަވާ ވިޔަފާރިއެއް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ނެތް އިރު މީރާއަށް ޓެކްސްއެއް ވެސް ނުދައްކާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ކުރައްވާހާ ވިޔަފާރިތައް ލޯ ކުރިމައްޗަށް ފެންނަމުންދާ ކަމަށާއި 4000 އަކަފޫޓުގެ ގެއެއް 15 ބުރިޔަށް އަރަމުންދާ މަންޒަރު ވެސް ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.

ޔާމީން މި ގައުމަށް ހެޔޮއެދޭނަމަ ވަގަށް ނެގި ފައިސާ ދައުލަތާއި ހަވާލުކުރަންވީ ކަމަށާއި އޭރަށް ދައުލަތުގެ ބަޖެޓަށް ވެސް ލުއިތަކެއް ލިބޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

"ގާތްގަނޑަކަށް ހަމަ 500 މިލިއަން ޑޮލަރުގެ ފައިސާ އެހެރީ ވަގަށް ނަގާފައި. އޭރަށް އިތުރު ލޯނެއް ނުނަގާ މިއަހަރުގެ ވެސް ބަޖެޓް ނޫނީ މި އަންނަ އަހަރުގެ ބަޖެޓް ވެސް ފުއްދާލެވޭނެ،" ފަލާހު ވިދާޅުވި އެވެ.

ވައްކަން ކުރުމަށްފަހު ހަ މީހުން ލައިގެން ޖަލްސާ ކުރުމަކީ ރީތި ކަމެއް ނޫން ކަމަށާއި ރައްޔިތުންނަށް އޮޅޭ ގޮތަށް ޔާމީން ވާހަކަދައްކަވާނަމަ ހިތުގައި ރައްކާކޮށްފައި ހުރި އެއްޗެހި ވެސް އަދި ބޭރަށް އަންނާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.