Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

އެއްވެސް މުއައްސަސާއަކަށް ނުފޫޒެއް ނުފޯރުވާނަން

ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިމިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅިގެން ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު މިއަދާ ހަމައަށް ވެސް ކުރެއްވި ކަމެއް ނޫން ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

މި ބިލުތަކުގައިވާ ގޮތުން ކޮމިޝަންގެ ރައީސް ނުވަތަ ނާއިބު ރައީސަކު އައްޔަން ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ އެވެ.

އެ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު، ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ނުވަތަ، ނާއިބުރަ އީސް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން އެ ދެ ކޮމިޝަނަށް ވެސް ރައީސަކާއި ނާއިބު ރައީސަކު އައްޔަންކުރަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުންނެވެ.