ޒީނަތްތެރިވުމަކީ އިސްލާމްދީން އެއްގޮތަކަށްވެސް މަނާ ކުރާ ކަމެއް ނޫނެވެ. ނަމަވެސް އެއީ ޒީނަތެއް ކަމަށް އަހަރެމެން ބަލާ ކޮންމެ ކަމަކީ، ދީނުގެ ނަޒަރުގައި ރީތި، ޒީނަތްތެރިކަމެއް ނޫނެވެ. ބައެއް ފިރިހެނުން ރަނުގެ ގަހަނާ އެޅުމަކީ އެއީ ޒީނަތްތެރި ކަމެއް ކަމަށް ދެކެއެވެ. އެކަމަކު އެއީ މި ދީން ޤަބޫލު ކުރާ ކަމެއް ނޫނެވެ. އަންހެނުން ފިރިހެން ހެދިގެން ނުވަތަ ފިރިހެނުން އަންހެން ހެދިގެން އުޅުމަކީ ފަހަރެއްގާ "ވަކި ބަޔަކު" ރީތި ކަމެއް ކަމަށް ދަޢުވާކޮށްފާނެއެވެ.
އެކަމަކު އެއީ މި ދީނުގައި ޙަރާމް ކަމެކެވެ. ކަމަކީ އެއީ ކާފިރުންނަށް ޚާއްޞަ، ހަމައެކަނި އެމީހުންގެ އާދަކާދައިގެ ތެރޭ ހިމެނޭ ކަމެއް ނަމަ ، އެކަމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ.
ބުމަ ހެދުމަކީ މި ޒަމާނުގައި ބަޔަކު ކުރާ، ނުވަތަ ކުރާހިތްވާ ކަމެކެވެ. ބައެއް މީހުން ދެކެނީ އެއީ ވަރަށް ރީތި ކަމެއްގެ ގޮތުގައެވެ. އަނެއް ބަޔަކު ދެކެނީ "އަސްލު ބުމަ" ހުރުމުން މާ ޗާލު ކަމަށެވެ. ކޮންމެ އަކަސް ދީނުގައި މިކަމުގެ ޙުކުމް އޮތް ގޮތަކީ ކޮބައިކަން ބަލައި، އޭގެ އަލީގައި ޢަމަލު ކުރަން ބޭނުންވާ މުސްލިމް އުޚުތުން ތިބޭކަން އެއީ އުފަލާއެކު ފާހަނގަކޮށްލަން ޖެހޭ ތަންކޮޅަކެވެ.
ބަހުގެ ގޮތުން :
ބުމަ ހެދުމުގެ ޙުކުމާ ބެހޭ ގޮތުން އިސްލާމީ ފިޤުހުގެ ތެރެއަށް ވަދެ ހޯދާ ބަލަން ބޭނުން މީހަކު ބޭނުން ކުރަން އޮތް ތަޅުދަނޑި ބަހަކީ "ނަމްޞް" "ނާމިޞާ" "މުތަނައްމިޞާ" މި ބަސްތަކެވެ. ޙަދީޘުތަކުގައި އަދި ފިޤުހުގައި ބުމަ ހެދުމާ ބެހޭ ގޮތުން ބޭނުން ކުރެވިފައިވަނީ މި ބަސްތަކެވެ.
"ނަމްޞް" ގެ މާނައަކީ އިސްތަށި އުފުރުމެވެ. ނުވަތަ މޫނުން އިސްތަށި ދުއްވާލުމެވެ. ނަމަވެސް މި ބަސް ބުނުމުން ދޭހަކޮށްދެނީ ނުވަތަ މުރާދަކީ ބުމައިގެ އިސްތަށި އުފުރައިގެން ނުވަތަ ބާލައިގެން، އެ ހިމަ ކުރުމެވެ. އެހެން ގޮތަކަށް ބުނާނަމަ ބުމަ ހެދުމެވެ. "ނާމިޞާ" އަކީ މި ބުމަ ހަދައިދޭ މީހާއެވެ. "މުތަނައްމިޞާ" އަކީ ބުމަ ހަދުވާ މީހާއެވެ.
އޮތް އެއް ދަލީލު :
ބުމަ ހެދުމުގެ މައްސަލައިގެ ޙުކުމް ނެގެން އޮތް އެއް ޙަދީޘަކީ މުސްލިމް، އަބޫ ދާއޫދް، އައްތިރްމިޛީ ގައި ވާރިދުވެފައިވާ މި ޙަދީޘެވެ. ބުޚާރީ("އައްލިބާސް"މި ބާބުގައި) ވެސް މި ޙަދީޘް ވެއެވެ. عَنْ عَبْدِ اللَّهِ قَالَ لَعَنَ اللَّهُ الْوَاشِمَاتِ وَالْمُسْتَوْشِمَاتِ وَالنَّامِصَاتِ وَالْمُتَنَمِّصَاتِ وَالْمُتَفَلِّجَاتِ لِلْحُسْنِ الْمُغَيِّرَاتِ خَلْقَ اللَّهِ قَالَ فَبَلَغَ ذَلِكَ امْرَأَةً مِنْ بَنِي أَسَدٍ يُقَالُ لَهَا أُمُّ يَعْقُوبَ وَكَانَتْ تَقْرَأُ الْقُرْآنَ فَأَتَتْهُ فَقَالَتْ مَا حَدِيثٌ بَلَغَنِي عَنْكَ أَنَّكَ لَعَنْتَ الْوَاشِمَاتِ وَالْمُسْتَوْشِمَاتِ وَالْمُتَنَمِّصَاتِ وَالْمُتَفَلِّجَاتِ لِلْحُسْنِ الْمُغَيِّرَاتِ خَلْقَ اللَّهِ فَقَالَ عَبْدُ اللَّهِ وَمَا لِي لَا أَلْعَنُ مَنْ لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ فِي كِتَابِ اللَّهِ فَقَالَتْ الْمَرْأَةُ لَقَدْ قَرَأْتُ مَا بَيْنَ لَوْحَيْ الْمُصْحَفِ فَمَا وَجَدْتُهُ فَقَالَ لَئِنْ كُنْتِ قَرَأْتِيهِ لَقَدْ وَجَدْتِيهِ قَالَ اللَّهُ عَزَّ وَجَل َّوَمَا آتَاكُمْ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا
فَقَالَتْ الْمَرْأَةُ فَإِنِّي أَرَى شَيْئًا مِنْ هَذَا عَلَى امْرَأَتِكَ الْآنَ قَالَ اذْهَبِي فَانْظُرِي قَالَ فَدَخَلَتْ عَلَى امْرَأَةِ عَبْدِ اللَّهِ فَلَمْ تَرَ شَيْئًا فَجَاءَتْ إِلَيْهِ فَقَالَتْ مَا رَأَيْتُ شَيْئًا فَقَالَ أَمَا لَوْ كَانَ ذَلِكَ لَمْ نُجَامِعْهَا
މާނައަކީ: "ޢަބްދުﷲ (ޢަބްދުއްﷲ ބިން މަސްޢޫދު) ރިވާ ކުރެއްވިއެވެ. ގައިގައި ކުރަހައިދޭ (ޓެޓޫ) އަންހެނުންނާއި، ކުރައްސުވާ އަންހެނުންނާއި، މޫނުގެ އިސްތަށި އުފުރާ އަންހެނުންނާއި، އަދި މޫނުގެ އިސްތަށި އުފުރުވާ އަންހެނުންނާއި، އަދި ރީތި ވުމުގެ ގޮތުން ދެ ދަތް ދޭތެރެ ދުރުކުރުވާ ، ﷲ ހެއްދެވި ގޮތް ބަދަލު ކުރުވާ އަންހެނުންނަށް، ﷲ ލަޢުނަތް ލައްވައެވެ."
ވިދާޅުވިއެވެ: "ފަހެ ދެން މި ވާހަކަ އުއްމު ޔަޢްޤޫބު އޭ ކިއުނު ބަނީ އަސަދު ޤަބީލާގެ އަންހެނަކަށް އަޑު އިވިއްޖެއެވެ. އަދި އެ ކަމަނާ ވީ ޤުރުއާން ކިޔަވާ އުޅޭ މީހެއް ކަމުގައެވެ. ފަހެ އެ ކަމަނާ އައިސް (ޢަބްދުﷲ އަށް) ދެންނެވިއެވެ."ކަލޭގެފާނު، ގައިގައި ކުރަހައިދޭ (ޓެޓޫ) އަންހެނުންނާއި، ކުރައްސުވާ އަންހެނުންނާއި، މޫނުގެ އިސްތަށި އުފުރާ އަންހެނުންނާއި، އަދި މޫނުގެ އިސްތަށި އުފުރުވާ އަންހެނުންނާއި، އަދި ރީތި ވުމުގެ ގޮތުން ދެ ދަތް ދޭތެރެ ދުރުކުރުވާ، ﷲ ހެއްދެވި ގޮތް ބަދަލު ކުރުވާ އަންހެނުންނަށް ލަޢްނަތް ދޭ ކަމުގައި އަހަރެންނަށް އަޑު އިވިގެން މި އުޅޭ ޚަބަރަކީ ކިހިނެއް ވީ ކަމެއް ހެއްޔެވެ؟
ފަހެ ޢަބްދުއްﷲ ވިދާޅުވިއެވެ: "ރަސޫލާ ލަޢުނަތް ދެއްވި ބަޔަކަށް އަހަރެން ލަޢްނަތް ނު ދޭންވީ ކީއްވެހެއްޔެވެ؟ އަދި މި ވާހަކަ ﷲގެ ފޮތުގައި އެބަ އޮތެވެ. " ދެން އެ އަންހެން މީހާ ދެންނެވިއެވެ. "އަހަރެން މުޞްޙަފުގެ ބޭރުގަނޑުން ބޭރުގަނޑަށް ކިއީމެވެ. އެކަމަކު ތި ވާހަކައެއް ނުދެކެމެވެ." ޢަބްދުﷲ ވިދާޅުވިއެވެ: "ކަމަނާ އެއް ފުށުން އަނެއް ފުށަށް އެ ކިޔެވި ނަމަ ފެނުނީހެވެ. މާތް ﷲ ވަޙީ ކުރައްވާފައިވަނީ: وَمَا آتَاكُمْ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا
މާނައަކީ: "ރަސޫލާ ކަލޭމެންނަށް ދީފި އެއްޗެއް ޤަބޫލު ކުރާހުށި ކަމެވެ. އަދި ރަސޫލާ ކަލޭމެންނަށް ނަހީކޮށްފި އެއްޗަކުން ދުރުހެލިވެ ތިބޭހުށިކަމެވެ."
އެ އަންހެން މީހާ ދެންނެވިއެވެ. "މިހާރުވެސް އަހަރެންނަށް ކަލޭގެފާނުގެ އަނބިކަމަނާގެ ކިބައިން މި އިން ކަމެއް (ގައިގައި ކުރެހުން، ބުމަ ހެދުން، ދަތް ދުރު ކުރުން) ފެނިދާނެއެވެ."
ވިދާޅުވިއެވެ. "ގޮސް ބަލާށެވެ." ވިދާޅުވިއެވެ. "ދެން އެ ކަމަނާ ޢަބްދުއްﷲ ގެ އަނބިކަމަނާގެ އަރިއަހަށް ގޮސް ބެލި ބެލުމުން އެއިން އެއްވެސް ކަމެއް ނުފެނުނެވެ. އަދި އައިސް އެ ކަމަނާ (އަންހެން މީހާ) ދެންނެވިއެވެ. "އަހަރެންނަކަށް އެއްޗެއް ނުފެނުނެވެ. " ދެން ޢަބްދުﷲ ވިދާޅުވިއެވެ. " އެ ކަމަނާގެ ކިބައިގައި އެއިން އެއްވެސް ކަމެއް ވާނަމަ އަހެރެން އެ ކަމަނާއާއެކު އެއްދާން ނުކުރީމުހެވެ."