އައްޑޫގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރަން އެމްޑަބްލިއުއެސްސީން މިހާރު ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހިތަދު އާއި ހުޅުމީދޫގައި ބޯހޯލް ކޮންސްޓްރަކްޓްކޮށް ދޭނެ ބަޔަކު ހޯދަން ހުޅުވާލައިފި އެވެ.
އެ ކުންފުނިން ބުނީ މި މަސައްކަތްތައް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 7 އާ ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވާން ޖެހެ އެވެ. ރަޖިސްޓްރީވާން ޖެހެނީ މި މެއިލް މެދުވެރިކޮށް އަންނަ މަހުގެ 3 ގެ ކުރިންނެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ވިއްކާ ބީލަން ފޮތުގެ އަގަކީ 500ރ. އެވެ.
އެމްޑަބްލިއުއެސްސީން ބުނީ ބޯހޯލް ކޮންސްޓްރަކްޓްކޮށްދޭން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000ރ. ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ބާއްވާ ޕްރީ-ބިޑް މީޓިން އޮންނާނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގައި ފެން ކުންފުނީގެ ކަސްޓަމާ ސާވިސް ބިލްޑިންގުގަ އެވެ.
އައްޑޫގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރަން ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ އެޕްރީލް މަހުގެ 13 ގަ އެވެ. އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މަޝްރޫއުގެ އަގަކީ 282.6 މިލިއަން ރުފިޔާ އެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި އަމަލީ މަސައްކަތައް ފެށީ މަޝްރޫއުގެ ދަށުން ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން ގާއިމުކުރުމާއި ބޯހޯ ތޮރުފުމާއި، ދުވާލަކު 1500 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކާ 2000 ޓަނުގެ ތިން ތާންގީ އާއި 1000 ޓަނުގެ ތިން ތާންގީ އާއި އެކު ޖުމްލަ 6 ތާންގީ ބެހެއްޓުމާއި، ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި 100 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމުކުރުން ހިމެނެ އެވެ.
މީގެ އިތުރުން އައްޑޫގެ އެހެން އަވަށްތަކާ ވަކިން އޮންނަ ހުޅުމީދޫގައި ވެސް އާރްއޯ ފެސިލިޓީ ބިލްޑިން ގާއިމުކުރުމާއި ބޯހޯ ތޮރުފުމާއި، ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކާ 1000 ޓަނުގެ ތިން ތާނގީ ބެހެއްޓުމާއި، ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި 75 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމުކުރުން ވެސް ހިމެނެ އެވެ.
މަޝްރޫއުގެ ތެރެއިން ހިތަދު އާއި ހުޅުމީދު އަށް ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމާއި، މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫގައި ފެން ރައްކާކުރުމަށްޓަކާ 1000 ޓަނުގެ ހަތަރު ތާނގީ ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެފައިވެ އެވެ. އަދި ފެނުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ބޭނުންވާ ތަމްރީނު ޕްރޮގްރާމް ހިންގައި ދިނުމާއި އަދި ސްޕެއާ ފޯރުކޮށް ދިނުން ވެސް ހިމެނެ އެވެ.
އައްޑޫގެ ފެނުގެ ނިޒާމަކީ ފެނަކަ އިން ގާއިމުކޮށް، ބަލަހައްޓަމުން އަންނަ ނިޒާމެކެވެ.