ބޮލީވުޑްގައި މިހާރު ހޮރޯ-ކޮމެޑީ ޖޯންރާގެ ކާމިޔާބު ފިލްމުތަކާ އެކީ ރަސްކަން ކުރަމުން އަންނަ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން އެ މީހުންގެ ހޮރޯ-ކޮމެޑީ ޔުނިވާސް އާ ބޮޅެއް އިތުރު ކުރަން ނިންމައި، އެ ފިލްމު މިއަދު ރަސްމީކޮށް އިއުލާންކޮށްފި އެވެ.
އެއީ ލީޑް ކާސްޓްގައި އަޔޫޝްމަން ކްރާނާ އާއި ރަޝްމިކާ މަންދަނާ ހިމެނޭ "ތާމާ" އެވެ.
މި ފިލްމަކީ ބިރުވެކަމާއި ހެއްވާ މަޖާ ކަންކަމުގެ އިތުރުން އަސަރު ގަދަ ލޯބީގެ ވާހަކައެއް ވެސް ކިޔައި ދޭނެ އެއްޗެކެވެ. ކާސްޓްގައި ނަވާޒުއްދީން ސިއްދީގީ އާއި ޕަރޭޝް ރާވަލް ވެސް ހިމެނޭ "ތާމާ" ގެ ޑައިރެކްޓަރަކީ ޖޫންގައި ރިލީޒްކޮށް ބޮކްސް އޮފީހުގައ ބޮޑު ކާމިޔާބީއެއް ހޯދި މެޑޮކްގެ ކޮމެޑީ-ހޮރޯ "މުންޖިއާ" ވެސް ހެދި އަދިތިޔާ ސަރްޕޯތުދަރު އެވެ.
ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ތާވަލުކުރީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
"މުންޖިއާ" ގެ އިތުރުން މެޑޮކްސް އިން މި އަހަރުގެ އޮގަސްޓްގައި ގެނެސްދިން ހޮރޯ-ކޮމެޑީ "އިސްތިރީ 2" އަކީ މި އަހަރުގެ އެންމެ ކާމިޔާބު ހިންދީ ފިލްމެވެ.
މެޑޮކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޖޯން އަބްރަހަމްގެ "ތެހެރާން" އާއި އަކްޝޭ ކުމާރުގެ "ސްކައި ފޯސް" ގެ އިތުރުން ވިކީ ކޯޝަލްގެ "ޗާވާ" ހިމެނެ އެވެ.