ފުރަތަމަ ފަހަރަށް މިސް ޔުނިވާސްގައި ރާއްޖެ ތަމްސީލުކުރާ މަރިޔަމް ޝައިނާ ނަސީމް އަށް ދަ ޑިމޮކްރެޓްސް އިން މަރުހަބާ ކިޔައިފި އެވެ.
ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ ފިރިހެނުންނަށް އޮންނަ ކޮންމެ ފުރުސަތެއް އަންހެނުންނަށް ވެސް ލިބިދިނުމަކީ މި ރާއްޖޭގައި އެއާ އިންކާރުކުރެވި ދެކޮޅުހެދޭނޭ ކަންކަމެއް ނޫން ކަމަށެވެ. އަދި ރާއްޖެ އަނބުރާ އައިކޮޅަށް ފަހަތަށް ގެންދިޔުމަކީ އެއްވެސް ވަޒީރަކަށްވެސް، ނުވަތަ ވެރިޔަކަށްވެސް އޮތް ބާރެއް، އޮތް އިހުތިޔާރެއް ވެސް ނޫން ކަމަށް ބުނެފައިވެ އެވެ.
ޝައިނާ އަށް ޑިމޮކްރެޓްސް އިން ނުހަނު މަރުހަބާ ކިޔާ ކަމަށާއި އޭނާ އެ ނުކުންނަވަނީ ރާއްޖެއަށް ވަރަށް ފަހުރުވެރި ނަމެއް ހޯދުމަށް ކަމަށްވާއިރު އެކަމުގައި ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ޑިމޮކްރެޓްސް އިން ޝައިނާ އަށް މަރުހަބާ ކިޔާފައިވާއިރު، މިސް ޔުނިވާސްގައި ދިވެއްސަކު ބައިވެރިވުމަކީ ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމެއް ނޫން ކަމަށާއި އެކަން ބަލައި ނުގަންނަ ކަމަށް ޔޫތު މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.
މިސް ޔުނިވާސް މުބާރާތް އޮންނާނީ އަންނަ މަހުގެ 16 ގައި މެކްސިކޯގެ ވެރިރަށް، މެކްސިކޯ ސިޓީގަ އެވެ.
މިސް ވޯލްޑް ފިޔަައި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ރީތީގެ މުބާރާތް ކަމަށްވާ މިސް ޔުނިވާސް މުބާރާތުގައި 130 އަށް ވުރެ ގިނަ ގައުމުން ވާދަކުރެ އެވެ.
މިސް ޔުނިވާސްގައި ދިވެއްސަކު ވާދަކުރާތީ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވެސް އެކަން ކުށްވެރިކޮށް، އެކަން ސަރުކާރުން ހުއްޓުވުމަށް ގެންދަވަނީ ގޮވާލައްވަމުންނެވެ.