ބޭންކް އޮފް މޯލްޑިވްސް އަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެ މުވައްޒަފުންނަށް ލޯންގް ސާވިސް އެވޯޑު ދީފި އެވެ.
މި އެވޯޑް ހަވާލުކުރުމަށް ރޭ ބޭއްވުނު ހަފްލާގައި ބޭންކަށް 15، 20، 25، 30 އަދި 35 އަހަރުގެ މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ 29 މުވައްޒަފުންނަށް ވަނީ އެވޯޑު ހަވާލުކޮށްފަ އެވެ.
އެވޯޑު ހާސިލުކޮށްފައިވާ މުވައްޒަފުންނަކީ އަމްޝޫދާ ނަޢީމް (ސްވިފްޓް ސާވިސް މެނޭޖާ)، އައިމިނަތު ނަސީމް (ކަސްޓަމާ ސާވިސް މެނޭޖާ) އަދި އާއިޝަތު ޝާދުނާ (މެނޭޖާ، ޗެކް ޕްރޮސެސިން) އަށް ވަނީ ބޭންކަށް 35 އަހަރުގެ މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާތީ ހާއްސަ އެވޯޑެއް ދީފަ އެވެ.
މީގެ އިތުރުން ފާޠިމަތު ޙުސައިން (ކަސްޓަމާ ސާވިސް އޮފިސަރު)، ފާޠިމަތު މުޙައްމަދު (މެނޭޖާ، އެޖެންޓް ބޭންކިން)، އަދި މަރިޔަމް ޙަމީދު (ޗީފް ކޮމްޕަލަޔަންސް އޮފިސާ) އަށް ވަނީ 30 އަހަރުގެ މުއްދަތަކަށް ބޭންކަށް ހިދުމަތްކޮށްދިނުމުގެ އެވޯޑު ދީފަ އެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ މުވައްޒަފުން މަސައްކަތަށް ދެއްވާ އަހުމިއްޔަތުކަމަށާއި ވަޒީފާގައި ދިގު މުއްދަތަކަށް ވަފާތެރިކަމާއެކު ދެމިހުންނެވިކަމަށްޓަކައި އެކަމުގެ އަގު ވަޒަންކޮށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށެވެ.
"ފާއިތުވި 35 އަހަރުގެ ދިގު މުއްދަތަކަށް ހީވާގި ކަމާއެކު މަސައްކަތް ކޮށްދެއްވިކަމަށްޓަކައި އަމްޝޫދާ، އާމިނަތު އަދި ޝާދުނާއަށް ހާއްސަ ޝުކުރެއް ދަންނަވަން." ޝަރީފް ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު، އަދި ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާ ބޭންކެވެ. ބޭންކުގައި މިވަގުތު ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ 99 ޕަސެންޓަށް ވުރެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ދިވެހިންނެވެ.