މާދަމާ ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އަޖޭ ދޭވްގަންގެ "ސިންގަމް އެގެއިން" އާއި ކާތިކް އާރިއަންގެ "ބޫލް ބުލައްޔާ 3" ސައުދީ އަރަބިއްޔާގައި ދެއްކުން މަނާކޮށްފި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ އެކްޝަން ފިލްމު "ސިންގަމް އެގެއިން" ސައުދީގައި މަނާކުރީ އޭގައި ދީނީ ގޮތުން ކޯޅުންތަކެއް އުފެދިދާނެ ކަހަލަ މަންޒަރުތަކެއް ހުރުމާ ގުޅިގެންނެވެ. މި ފިލްމަކީ އަޖޭ ފުލުހެއްގެ ރޯލު ކުޅެމުން އަންނަ ރޯހިތުގެ ކޮޕް ޔުނިވާސްގެ "ސިންގަމް" ފްރެންޗައިޒްގެ ތިން ވަނަ ބައެވެ.
"ސިންގަމް އެގެއިން" ގެ ކާސްޓްގައި ދީޕިކާ ޕަދްކޯން، އަރުޖުން ރާމްޕާލް، ކަރީނާ ކަޕޫރް، ޓައިގާ ޝްރޮފްގެ އިތުރުން ރޯހިތުގެ ކޮޕް ޔުނިވާސް އަށް ނިސްބަތްވާ ފިލްމުތައް ކަމަށްވާ "ސިމްބާ" ގެ އެކްޓަރު ރަންވީރު ސިންގް އާއި "ސޫރިއަވަންޝީ" ގެ އެކްޓަރު އަކްޝޭ ކުމާރު ހިމެނެ އެވެ.
ކާތިކްގެ "ބޫލް ބުލައްޔާ 3" އަކީ ހޮރޯ-ކޮމެޑީއެކެވެ. މިއީ އޭނަގެ 2022 ގެ "ބޫލް ބުލައްޔާ 2" ގެ ފޮލޯއަޕެކެވެ. މީޑިއާތަކުން ބުނި ގޮތުގައި އަނީސް ބަޒްމީ ޑައިރެކްޓްކޮށްފައިވާ "ބޫލް ބުލައްޔާ 3" ސައުދީގައި މަނާކުރީ އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރު ދޭ ކަހަލަ މަންޒަރުތަކެއް ފިލްމުގައި ހިމެނޭތީ އެވެ.
މި ފިލްމުގެ ކާސްޓްގައި ޓްރިޕްތީ، ދިމްރީ، ވިދިއާ ބާލަން އަދި މަދޫރީ ޑިކްސިޓް ހިމެނެ އެވެ.