ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން މި މަހުގެ ކުރީކޮޅު ނިންމި ނިންމުމާއެކު ދިވެހި ސަރުކާރުގެ ސްޓްރެޓަޖީ އަށް ބަދަލު ގެންނަން ޖެހި، އެކަމާ ގުޅޭ ލަފާ އިތުރަށް ހޯދަމުން އަންނަ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ އިނގިރޭސި ސަރުކާރުގެ އެ ނިންމުމަކީ ދިވެހި ސަރުކާރުން އެ މައްސަލަ ރިވިއުކުރުމަށް އިޓްލޮސް އަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން ދަނިކޮށް ނިންމި ނިންމުމެއް ކަމަށެވެ. އެހެންވެ މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައިގެ ނިންމުން ރިވިއުކުރުމަށް ހުށަހެޅުމަށް ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި މިކަމާ ގުޅޭ ތަޖުރިބާކާރުންގެ ޓީމެއް އެކުލަވާލައި އެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް އޭޖީ ވިދާޅުވި އެވެ.
އެގޮތުން އެ މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮމިޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކަމަށް ނަގާފައި ތިބި އިންޓަނޭޝަނަލް އެކްސްޕާޓުންގެ އެހީތެރިކަމާއެކީގައި، ރިޕޯޓެއް އެކުލަވާލާ ހުށަހެޅުމުގެ މަރުހަލާގައި ވަނިކޮށް އިނގިރޭސި ސަރުކާރުން ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދިނުމަށް ނިންމި ނިންމުމާއި ގުޅިގެން ގޮންޖެހުންތަކެއް އެބަހުރި،" އުޝާމް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ސްޓްރެޓެޖީ ބަދަލުކުރަން ޖެހޭ ފަދަ ނިންމުމެއް އެއީ."
އެގޮތުން އެ މަސައްކަތުގައި ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގެ ލަފާ ހޯދަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިކަމުގެ ރިޕޯޓު އަލުން އެކުލަވާލައި، މައްސަލަ ކުރިއަށް ގެންދެވޭނެ ދުވަހެއް އަދި ދަންނަވަން ދަތިކަމަށް ވިދާޅުވި އެވެ. ސަބަބަކީ އެހެން ބަޔަކު ތައްޔާރުކޮށްފައިވާ ރިޕޯޓަކަށް ބިނާކޮށް މިހާރު ޗާގޯސް މައްސަލައިގައި މަސައްކަތް ކުރަން ޖެހުމެވެ.