ފަސް ސަތޭކަ ރުފިޔާގެ ސައްހަ ނޫން ނޫޓްތަކުން މުއާމަލާތްކުރި މައްސަލައެއްގައި މާލެ އިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުށި، ސަލްވާ، ޢާއިޝަތު ޝިޒުނީ، 25، އާއި އައްޑޫ ހިތަދޫ، އަތަމާވިލާ، މަޢުޒޫ މުޙައްމަދު، 29، އެވެ.
ފުލުހުން ބިނީ ހުށަހެޅުނު މައްސަލައަކާ ގުޅިގެން އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު 500ރ. ރުފިޔާގެ ސައްހަ ނޫން 24 ނޫޓު ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް 30 ދުވަސް ޖަހާފައިވެ އެވެ.
ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނީ މި ފަހަކަށް އައިސް އާދައިގެ ކަރުދާހަށް ޕްރިންޓުކޮށްފައި ހުންނަ 500ރ. ރުފިޔާގެ ނޫޓު ދައުރުކުރާ މައްސަލަތައް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންވެ ވިޔަފާރީގެ މުއާމަލާތްތަކާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ވެސް، ދިވެހި ރުފިޔާގެ ތަފާތު ނޫޓުތަކުގައި ހުންނަ ސެކިއުރިޓީ ފީޗާސްތައް ހުރިތޯ ބެލުމަށާއި ފައިސާ ޕްރިންޓުކޮށްފައިވާ ކަރުދާހުގެ ކޮލިޓީ ބެލުން ފަދަ ކަންކަމަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެ އެވެ.