އިސްލާމް ދީނަކީ ޢަދުލު އިންސާފުގެ ދީނެވެ. އަދި އިސްލާމީ ޝަރީޢަތަކީ މިއުންމަތަށްވާ ރަޙުމަތެކެވެ. ހިތްހަމަޖެހުމާއި އަމާންކަން މިޝަރީޢަތުގެ ސަބަބުން މީސްތަކުންނަށް ފޯރުކޮށްދެ އެވެ. މި ޝަރީޢަތުގެ ފުރިހަމަކަން ދޭހަކޮށްދޭ ކަމަކީ ހެޔޮ ޢަމަލު ކުރާ މީހުންނަށް ހެޔޮ ދަރުމަ ދެއްވުމާއި ފާފަކުރާ އަޅުތަކުންނަށް ތައުބާގެ ދޮރު ހުޅުވިފައިވުމެވެ. އަދި އެހެން މީހުންގެ ޙައްޤުތަކަށް އަރާ މީހުންނަށް އޭގެ ބަދަލު ލިބުމުގެ އިތުރަށް ޙައްޤު އަދަބު ކަނޑައެޅިފައިވުމަކީ ވެސް މި ޝަރީޢަތުގެ ރިވެތިކަން ދޭހަވާ ކަންތައްތަކެވެ.
ކޮންމެ ޝަރީޢަތެއްގައި ވެސް ކުށްކުރާ މީހުންނަށް އެމީހުން ކުރާ ކުށުގެ ކުޑަބޮޑުމިނަށް ބަލައި އެކަށީގެންވާ އަދަބެއް ކަނޑައަޅެފައިވާ ފަދައިން އިސްލާމީ ޝަރީޢަތުގައި ޙައްދުގެ މަޤާމަކީވެސް ފާފަކުރާ މީހުންނަށް އެކަށީގެންވާ އަަދަބު ދިނުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ޙައްދު ލައްވާފައިވަނީ ކާއިނާތުގެ ވެރި ރައްބެވެ. އެއިލާހު ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ..﴿١٧٨﴾
މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ.“
ޙައްދު ޤާއިމުކުރުމުގެ ސަބަބުން އިސްލާމީ މުޖުތަމަޢު ރައްކާތެރިކޮށްދެއެވެ. ވައްކަންކުރާމީހާގެ އަތްކެނޑުމާއި ޒިނޭކުރާ މީހާ ގައިގައި ސަތޭކަ އެތިފަހަރު ޖެހުމާއި، ރަޖަމުކުރުން ފަދަ ޙައްދުތަކަކީ މުޖުތަމަަޢުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތްކަމާ މެދު ޝައްކެތް ނެތެވެ.
މިކަމުގެ ސަބަބުން ދެވަނަ ފަހަރަށް އެކުށަށް އަރާމީހުން މަދުވެ އެހެން މީހުންނަށް ޢިބްރަތަކަށް މިކަން ވެދެ އެވެ. އަދި ތަރައްޤީވެފައިވާ ޤައުމުތަކުގައި މަރަށް މަރު ހިފުމަކީ ކުރީއްސުރެ ކުރަމުންދާ ކަމެކެވެ. އެހެނީ ކުށްވެރިން މެރުމުގެ ސަބަބުން އެ ޤައުމުގެ އަފުރާދުންނަށް އަމާންކަން ލިބެ އެވެ.
ޙައްދު ޤާއިމުކުރުމަކީ ފާފަވެރިޔާއަށްވާ ކައްފާރާއެކެވެ. އަދި އެފާފަތައް ކުރާ އެހެން މީހުންނަށް އިބްރަތަކަށް ވެދެއެވެ. ﷲ ތަޢާލާ ވަޙީކުރައްވަނީ وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ ١٧٩
މާނައީ: “އަދި قصاص ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ އަހުލުވެރިންނެވެ! އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ”
އަޅަމެންނަކީ ﷲ ތަޢާލާގެ ދީނަށް ނަސްރުދީ އެދީނުގެ ޙުކުމްތަކަށް ކިޔަމަންވާ ބައެއް ކަމުގައިލައްވާނދޭވެ! އަދި އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ޢަމަލުކުރާ ބައެއްކަމުގައި ލައްވާނދޭވެ!
މަސްދަރު: ދިސަލަފިއްޔާ