Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ރާއްޖެ އަށް ޑިޖިޓަލް ކަރަންސީ ތައާރަފު ކުރަނީ

ރާއްޖެ އަށް ޑިޖިޓަލް ކަރެންސީ ރާއްޖެއަށް ތަޢާރުފު ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޤައުމީ ޔުނިވާސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކްރިޕްޓޯ ކަރެންސީ ރާއްޖެއަށް ތަޢާރުފުކުރުމަށްޓަކައި، މަސައްކަތްތައް ފަށަން އެމްއެމްއޭގެ ގަވަރުނަރަށް މިހާރު ދަންނަވާފައިވާނެ ކަމަށެވެ.

"އެ މަސައްކަތާ ގުޅޭ ޢަމަލީ މަސައްކަތްތަކުގައި، މިހާރު އެމްއެމްއޭގެ ގަވަރުނަރު މަސައްކަތް ފަށްޓަވައިފި. ކްރިޕްޓޯ ކަރެންސީ، ޑިޖިޓަލް ކަރެންސީ ރާއްޖެއަށް ގެނައުމުގައި އޭގެ ޤާނޫނީ ހުރިހާ ކަންތައްތަކަކަށްވެސް ފަރުވާ ލިބޭގޮތަށް ޚާއްޞަ ޤާނޫނު ހެއްދެވުމަށް. އަދިވެސް ދެން ހުންނަ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ މިންގަނޑުތަކާ އެއްގޮތަށް، ރާއްޖޭގައި ޑިޖިޓަލް ކަރެންސީ ފުޅާކުރުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހިރަ ކަންކަމަކީ، ކިޔަވައިގެން ނުކުންނަ ކުދިން، ޒުވާނުން، އެކިއެކި ފަންނުވެރިން ރާއްޖޭގެ އިޤްތިޞާދުގައި ޙަރަކާތްތެރިވުމުގައި ހުރި ފުރުޞަތުތައް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ޑިޖިޓަލައިޒޭޝަންގެ ތެރެއިން، އާޓިފިޝަލް އިންޓެލިޖަންސްގެ ތެރެއިން، ރާއްޖެ ވެގެންދާނީ، ދުނިޔޭގެ މައިދާނުގައި އަދި އަމުދުން މިކަހަލަ ކުޑަ ޤައުމަކަށް ބަލާއިރު، އެންމެ ކުރީ ސަފުގައި ވަރަށް ބޮޑަށް ލީޑްކުރާ ޤައުމަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ، އަޅުގަނޑުމެންގެ އެމްބިޝަން، ނަތީޖާ. އަޅުގަނޑަށް މުހިންމީ ނަތީޖާ. ނަތީޖާ ހާސިލުކުރުމުގައި، ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގެ ޢަޒުމުގައި އިރާދަކުރެއްވިއްޔާ، މިއަދާ ހަމައަށްވެސް އައީ. ކުރިޔަށް އޮތްތާނގައިވެސް ހަމަ އެންމެންގެ އެހީތެރިކަމާއެކީގައި ދާނީ،" ރައީސް ވިދާޅުވި އެވެ.