ބޮލީވުޑްގެ ބަތަލާ ސާރާ އަލީ ޚާން އާ ބައިވެރިޔަކު ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު މިހާރު ޑޭޓްކުރަމުން އަންނަނީ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ އަރުޖުން ޕްރަތާބް ބަޖްވާއާ އެވެ. އޭނަ އަކީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ޕަންޖާބް ގޮފީގެ ނައިބު ރައީސް ފަތެހް ޖަންގް ސިންގް ބަޖްވާގެ ދަރިއެކެވެ.
އަރުޖުން އަކީ ސިޔާސީ ދާއިރާއިންނާއި ދަނޑުވެރިކަމުގެ ދާއިރާ ޑިގްރީ ވެސް ހާސިލުކޮށްފައިވާ މީހެކެވެ. އޭނަ މޮޑެލްއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ އިރު، މާޝަލް އާޓްސްގެ ތެރޭގައި ވެސް އުޅެ އެވެ. އަކްޝޭ ކުމާރުގެ 2015 ގެ ފިލްމު "ސިންގް އިޒް ބްލިންގް" ގެ ޑައިރެކްޓަރު ޕްރަބޫދޭވާގެ އެސިސްޓަންޓެއްގެ ގޮތުގައި ވެސް އަރުޖުން މަސައްކަތްކޮށްފައިވެ އެވެ.
ސާރާ އާއި އަރުޖުން ރައްޓެހިވެގެން އުޅޭކަމުގެ އަޑުތަކެއް އަރައި މީޑިއާތަކުގައި މިހާރު އެ ވާހަކަ ދެކެވެމުން އަންނަނީ ސާރާ މި ހަފުތާފައި ކޭދަރުނާތަށް ކުރި ދަތުރުގެ ތެރޭގައި އޭނައާ އެކީ އަރުޖުން އުޅޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ދައުރުވުމާ ގުޅިގެންނެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ސާރާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އޭނަ ކުރިން ރައްޓެހިވި ކަމަށް އަޑު އަރާފައިވާ މީހުންގެ ތެރޭގައި 2020 ގެ ފިލްމު "ލަވް އާޖް ކަލް" ގެ ބަތަލު ކާތިކް އާރިއަނާއި އަލަތު ފިލްމު 2018 ގެ "ކޭދަރު" ގެ އެކްޓަރު އަދި 2020 ގައި ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ރާޖްޕޫތު ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބަތަލާ ޖާންވީ ކަޕޫރް ރައްޓެހިވެގެން އުޅޭ ޝިކާރް ޕަހަރިއާގެ ކޮއްކޮ ވީރް ޕަހަރިއާއާ ވެސް ސާރާ ރައްޓެހިވެފައިވެ އެވެ. އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ އަކްޝޭގެ "ސްކައި ފޯސް" އިން ވީރް ބޮލީވުޑަށް ތައާރަފުވާ އިރު، އެ ފިލްމުގެ ކާސްޓްގައި ސާރާ ވެސް ހިމެނެ އެވެ.
އިންޑިއާގެ ޒުވާން ކްރިކެޓް ތަރި ޝުބަމް ގިލްއާ ވެސް ސާރާ ރައްޓެހިކަމުގެ އަޑުތަކެއް 2022 ގައި އެރި އެވެ.