Last Updated: November 22, 05:51
Friday, November 22, 2024
ޚަބަރު

މިއަދުން ފެށިގެން ސިނގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑުކޮށްފި

ސިނގިރޭޓް ބާވަތްތަކާއި ވޭޕްގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރަން ގާނޫނަށް ގެނައި އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ތަސްދީގުކުރައްވައިފި އެވެ.

އެ އިސްލާހު އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާއިން ފާސްކުރީ 71 މެންބަރުންގެ ތާއީދާ އެކު އެވެ. އެ ބިލު ފާސްކުރަން ދެކޮޅަށް ވޯޓް ދެއްވީ އެންމެ އަށް މެންބަރުންނެވެ.

ރައީސް މި ބިލު ތަސްދީގު ކުރެއްވުމާއެކު މިއަދުން ފެށިގެން އެއަށް އަމަލުކުރަން ވަނީ ފަށާފަ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި އިސްލާހުގެ ބިލު ހުށަހެޅުއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް މުހައްމަދު އެވެ.

އެ ބިލުގައި ވަނީ އިލެކްޓްރޯނިކް ސިނގިރެޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް އަދި މިލިލީޓަރަކަށް 8ރ. ބޮޑު ކުރަން ހުށަހަޅާފަ އެވެ.

އަދި ހީޓެޑް ޓޮބެކޯ ޕްރޮޑަކްޓްސް ނުވަތަ ރޯ ކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތައް އުފައްދާފައި ހުންނަ ދުންގަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓު ޑިއުޓީ 50 ޕަސެންޓު އަދި ސްޓިކަކުން 8ރ. އަށް ބޮޑު ކުރުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

މީގެއިތުރުން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީގެ ސްޕެސިފިކް ރޭޓް 3ރ. އިން 8ރ. އަށް މަތިކުރުމަށާއި އެ ތަކެތިން ނެގޭ އެޑްވަލޮރަމް ރޭޓް 50 ޕަސެންޓަށް ބޮޑުކުރަން ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ.

މި ބަދަލުތަކާއެކު މިއަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 180.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު މި މަހުގެ 15 އިން ފެށިގެން މަނާވާނެ އެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވާފަ އެވެ.