މާލެ އާއި ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރާ ރަސްމާލެއާ ދެމެދު ކަނޑު އަޑީގެ ޓަނަލެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިޔާލީ ފޮލާއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މާލެ އާއި ރަސްމާލެއާ ދެމެދު ކަނޑު އަޑީގެ ޓަނަލެއް އެޅުމަކީ ރައީސް މުއިއްޒު ގެންގުޅުއްވާ އާދަޔާ ހިލާފު ތަސައްވުރެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. މިއީ ވަގުތު ނަގާނެ ކަމެއް ކަމަށާއި އެ މަސައްކަތަކީ ޓައިމްލައިނެއް ހަދައިގެން ކުރިއަށް ގެންދެވޭނެ ކަމެއް ނޫން ކަމަށްވާއިރު، މިއީ އެއަށް ވުރެ މާ އާދަޔާ ހިލާފު ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ އެމެރިކާ އިން ހަނދަށް ދާން ވެސް ޖޯން އެފް ކެނެޑީ އެންވިޝަން ކުރެއްވީ އެއްވެސް ބަޔަކު ހަނދަށް ގޮސްގެނެއް ނޫން. ލީޑަރެއްގެ ހުންނަ ވަރަށް ހާއްސަ ސިފައެއް އެއީ އެންވިޝަން ކުރަން އެނގިވަޑައިގެންނެވުން އެކަން ކުރަން ކެރުން." މުއްތަލިބު ވިދާޅުވި އެވެ.
އެ ވާހަކަތަކާއި ގުޅިގެން ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އެހެން މީހުންގެ ވިޝަނަކީ ހުންނަ ކަންކަމަށް ބަލާފައި ކުރެވޭ ވަރުގެ ކަންކަމާ ދޭތެރޭ ތަސައްވުރެއް އަދި އުއްމީދެއް އޮތުން ކަމަށާއި ނަމަވެސް ރައީސް މުއިއްޒު ގެންގުޅުއްވަނީ ހިޔާލު ފޮލާއެއް ކަމަށެވެ.
"ހިޔާލީ ފޮލާ މީ. ރަމްޟާން މަހު އަރާނެ ފޮނި ބައިސާ ކަނޑާ މީހެއް. އެކަހަލަ ކަމަކަށް މިވަނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރަސްމާލެ ޓަނަލުގެ ވާހަކައަކީ ރައްޔިތުންގެ ބޮލަށް ކޮންމެ ފަދަ އެއްޗެއް ވެސް ވެއްދިދާނެ ކަމަށް ގަބޫލުކޮށްގެން ދެއްކި ވާހަކައެއް ކަމަށާއި އެއްވެސް އިރެއްގައި އެއިން އެއްވެސް ކަމެއް ކުރުމުގެ ނިޔަތެއް ނެތް ކަމަށެވެ. އެގޮތުން ޓަނަލް އެޅުމާ ގުޅޭގޮތުން ފަންނީ މީހުންނާއެކު ވާހަކަ ދައްކަމުންދާ ކަމަށް ބުނެ އެންމެ ފުރަތަމަ ވެސް ރައީސް މުއިއްޒު ހެއްދެވީ އިތުރުފުޅެއް ކަމަށާއި އެކަން މިނިސްޓަރު މުއްތަލިބުގެ ވާހަކައިން ވެސް ހާމަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.