ރާއްޖޭގެ މިނިވަން ނޫސްވެރިކަން ސަރުކާރުން ނިމުމަކަށް ގެނެސްފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިމިވަނީ ނޫސްވެރިންގެ އެވޯޑު ހަފްލާގައި 'ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު' ވީޑިއޯއެއް ދެއްކި ކަމަށް ބުނާ މައްސަލައެއްގައި މީޑިއާ ކައުންސިލުގެ ރައީސް މަގާމުގައި ހުންނެވި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އަހުމަދު މުސްތަފާ އެ ކުންފުނިން ވަކިކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
މުސްތަފާ ވަކިކުރުމަށްފަހު ޕީއެސްއެމުން ވަނީ މީޑީއާ ކައުންސިލްގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފަ އެވެ.
އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ "މިނިވަން މީޑިއާ މި ހިސާބަށް މި ނިމުނީ" ކަމަށާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މީޑިއާތަކަށް ދިނުމަށް 27 މިލިއަން ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާއިރު އެއީ މީޑިއާތައް އިތުރަށް އަޅުވެތިކޮށްލުމަށް ކުރާ ކަމެއް ކަމަށެވެ.
"ހަގީގަތަކީ ދެތިން ހަތަރު މީޑިއާ ވެސް ނެތް މިނިވަންކަމާ އެއްކޮށް އެއްޗެއް ބުނެލަން ކެރޭ. އަދި އިތުރަށް އެ މީޑިއާތައް އަޅުވެތިވެގެންދާނެ ތަން މި ފެންނަނީ ފައިސާގެ ގޮތުންނާއި އަދި މި ބިރުވެރިކަން ފަތުރައިގެން،" ފައްޔާޒު ވިދާޅުވި އެވެ.
ސަރުކާރުން މީޑީއާގެ މިނިވަންކަމޭ ކިޔާފައި މީޑިއާ ކައުންސިލްގެ ރައީސް ވަކިކުރުމަކީ ލަދުހަޔާތްކުޑަކަން ކަމަށާއި އެ ބޭފުޅުން ނުކުރައްވާނީ ދެން ކޮން ކަމެއްތޯ ފައްޔާޒު ސުވާލު އުފެއްދެވި އެވެ.
"ދިވެހި ރައްޔިތުން ވޭތުވެދިޔަ 30 ހަކަށް އަހަރުގެ ތެރޭގައި ހޯދާފައިވާ މިނިވަންކަން، ބާރުވެރިކަން، މަޑުމަޑުން ނިގުޅައިގަންނަމުންދާތަން މި ފެންނަނީ،" ފައްޔާޒު ވިދާޅުވި އެވެ.