Last Updated: December 3, 21:46
Tuesday, December 3, 2024
ޚަބަރު

މުއުމިނުންނަކީ އަމަލު ގިނަކޮށް ބަސް މަދުކުރާ މީހުން

މުއުމިނުންނަކީ އަމަލު ގިނަކޮށް ބަސް މަދުކުރާ މީހުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނީ އިންސާނާ ވަޒަން ކުރެވޭނީ އޭނާގެ ދުލުން ބުނާ ބަސްތަކުން ކަމަށާއި އޭނާ ހަނުހުރެއްޖެ ނަމަ އޭނާއާ މެދު، ނިޔާއެއް ކަނޑައަޅާކަށް ނޭނގޭނެ ކަމަށްވާއިރު އޭނާ ވަހަކަދައްކައިފި ނަމަ، އޭނާގެ ޝަޚްޞިއްޔަތު ފާޅުވެ، ހަރުދަނާކަމާއި ދޯހަޅިކަން ފެނިގެންދާނެ ކަމަށެވެ.

"މުއުމިނާއަކީ އޭނާގެ ދުލަށް ރައްކައުތެރިވާ މީހެކެވެ. ޢަމަލު ގިނަކޮށް ބަސް މަދުކުރާ މީހެކެވެ. މުއުމިނާ ވާހަކަދައްކާނީ އޭނާގެ ނަފްސަށާއި އޭނާގެ މުޖްތަމަޢަށާއި އޭނާގެ ވަޠަނަށް ފައިދާ ހުރި ކަންކަމުގައެވެ،" ހުތުބާގައި ބުންޏެވެ.

ހިފެހެއްޓުމެއް ނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެއް ކަމަށާއި ބާޠިލު ވާހަކަތަކާ ދުރުހެލިވެ ހުރެއްޖެ ނަމަ، އޭނާ ވާނީ ސުވަރުގޭގެ އަހުލުވެރިއަކަށް ކަމަށްވާއިރު އޭނާ ބާޠިލުވާހަކަދައްކަން ފަށައިފި ނަމަ ޝައިޠާނާ އޭނާ އަތްއަތަށް ދަމާން ފަށާނެ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

"އެކަލޭގެ އެދޭގޮތަށް އެދޭ ކޮންމެ ވަގުތަކު އޭނާ އަނބުރައިލައިފާނެއެވެ. އިންސާނާއަށް އޭނާގެ ބަސްތައް ކޮންޓުރޯލުނުކުރެވިއްޖެ ނަމަ އޭނާއަކީ އަނގަ ހުތުރު، ހިތް ފަސާދަވެފައިވާ މީހަކަށް ވެދާނެއެވެ،" ހުތުބާގައި ވެ އެވެ.

ހަނުހުރުމުގެ އިމަކީ ތިބާއާ ބެހޭ ކަންކަމުގައި ރިވެތި ބަހުން ބަސް ބުނުން ކަމަށާއި ތިބާ މިއަދު ބުނާ ކޮންމެ ކަލިމައަކާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ތިބާއާ ސުވާލުކުރެވޭނެކަން ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ވާހަކަދައްކަންވާނީ މި ކަމަށް ސަމާލުވެގެން ކަމަށްވެސް ބުނެފައިވެ އެވެ.