އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ރާވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޒަމީރު ވަނީ އެ ބަޖެޓުގައި އަންނަ އަހަރު ކުރުމަށް ރާވާފައިވާ ބައެއް ކަންކަން ހާމަކުރައްވާފަ އެވެ. އޭގެތެރޭގައި ހިތަދޫ އާއި ހުޅުމީދޫ ބްރިޖު މަޝްރޫއު އަންނަ އަހަރު ފެށުން ހިމެނޭ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ޒަމީރު މިހެން ވިދާޅުވި އިރު މި ބްރިޖުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށާނެ ކަމަށް ސަރުކާރުން ކުރިން އޮތީ ބުނެފަ އެވެ.
މި ބްރިޖްގެ ފީސިބިލިޓީ ސްޓަޑީ އާއި ޑިޒައިންގެ މަސައްކަތް ކުރިއަށް ގެންދަން ސަރުކާރުން ހަވާލުކޮށްފައިވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ ދަ އަރަބް ކޮންޓްރެކްޓާސް ކުންފުންޏާ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ބްރިޖު ފީޒިބިލިޓީ ސްޓަޑި އާއި ޑިޒައިނާ ގުޅޭ މަސައްކަތްތައް ތިން މަސް ތެރޭގައި ނިންމަން ޖެހެ އެވެ.
ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހުޅުމީދު އާއި ހިތަދޫގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ވެސް ހޯދައިގެންނެވެ.
އައްޑޫ ބްރިޖަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.