ބޮލީވުޑްގެ އެކްޓަރު އާޔޫޝް ޝަރުމާ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އޭނަ އާއި އަންހެނުން އަރްޕިތާ ޚާނާއ ދެ ދަރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނެވާ ސީކްރެޓްސްގަ އެވެ. އެ ތަނުގައި ނަގާފައިވާ ފޮޓޯތަކެއް އާޔޫޝްގެ އިންސްޓަގްރާމްގައި ވެސް މިއަދު ޕޯސްޓްކޮށްފައިވެ އެވެ. އޭގައި އޭނަ ލިޔެފައިވާ ކެޕްޝަންގައި ރާއްޖެ "ޕެރަޑައިސް" ގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
އާޔޫޝްގެ އަންހެނުން އަރްޕިތާ އަކީ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ކޮއްކޮއެކެވެ. އާޔޫޝް އާއި އަންހެނުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ. އާޔޫޝް އާއި އަރްޕިތާ ކައިވެނިކުރީ 2014 ގަ އެވެ.
ސަލްމާން ޕްރޮޑިއުސްކޮށް 2018 ގައި ގެނެސްދިން "ލަވްޔާތުރީ" އިން ބޮލީވުޑަށް ނުކުތް އާޔޫޝްގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި "ރުސްލާން" އެވެ.
އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އަށް އަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، މަޝްހޫރު ދެމަފިރިން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާން ވެސް މިހާރު ތިބީ ޗުއްޓީ އަށް ރާއްޖޭގަ އެވެ. ދަރިން ވެސް ގޮވައިގެން އެ މީހުން ރާއްޖެ އައީ އިއްޔެ އެވެ.
މި އަހަރުގެ މިހާތަނަށް އިންޑިއާ އިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިހާރު 99،000 އަށް ވުރެ ގިނަ އެވެ. އެ ގައުމު މިހާރު އޮތީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްހެ ހަ ވަނައިގަ އެވެ.