އެޕަލްގެ އައިފޯން 16 އާއި ގޫގުލްގެ ޕިކްސެލް ފޯނުތައް އިންޑޮނީޝިއާގައި ވިއްކުން މަނާކޮށްފި އެވެ.
އެ ގައުމުން އެ ދެ ކުންފުނީގެ ފޯނުތައް ވިއްކުން މަނާކުރީ، އިންޑޮނީޝިއާގައި ވިއްކާ ފޯނުތަކަކީ އެ ފޯނުތައް އުފައްދަން އެ ގައުމުގައި ތައްޔާރުކުރާ ކޮމްޕޯނަންޓްތައް ބޭނުންކޮށްފައި ނުވާ ކަމަށް ބުނެ އެވެ.
އިންޑޮނީޝިއާގައި އެކުލަވާފައިވާ ގަވާއިދެއްގައި ބުނާ ގޮތުން ބޭރުގެ ފޯނު ކުންފުނިތަކަށް އެ މީހުންގެ އުފެއްދުންތައް އެ ގައުމުގައި ވިއްކޭނީ އެ އެއްޗެހި އުފައްދަން އޮންޑޮނީޝިއާގައި އުފައްދާފައިވާ ކޮމްޕޯނަންޓްތައް މަދުވެގެން 40 ޕަސެންޓަށް ބޭނުންކޮށްފައިވާ ނަމަ އެވެ.
އެހެންވެ އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން 16 އާއި ޕިކްސެލްގެ އެންމެ ފަހުގެ ފޯނުތައް އެ މިންގަނޑަށް ނުފެތޭ ކަމަށް އިންޑޮނީޝިއާގެ އިންޑަސްޓްރީ މިނިސްޓްރީގެ ތަރުޖަމާނު ފެބްރީ ހެންޑްރީ އެންޓޯނީ އަރީފް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މަނާކުރި ފޯނުތައް ގަންނަން ބޭނުންވާ އިންޑޮނީޝިއާގެ ކަސްޓަމަރުންނަށް ގައުމުން ބޭރުން އެ ފޯނުތައް ގަނެވިދާނެ ކަމަށާއި އެކަމަކު ގައުމަށް ފޯނު އެތެރެކުރެވޭނީ ކަނޑައެޅިފައިވާ ޓެކްސްތައް ދެއްކުމުން ކަމަށެވެ. އެހެން ނޫން ނަމަ އެފަދަ ޑިވައިސް ބްލޮކްކުރާނެ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
އިންޑޮނީޝިއާގައި އެންމެ މަގުބޫލު ފޯނުތަކުގެ ތެރޭގައި މިހާރު ހިމެނެނީ ދެކުނު ކޮރެއާގެ ސެމްސަންގްގެ ފޯނުތަކާއި ޗައިނާގެ އޮޕޯގެ ފޯނުތަކެވެ.