Last Updated: November 24, 23:51
Sunday, November 24, 2024
މުނިފޫހިފިލުވުން

ސެކްރެޓަރީއާ ހެދި ބޮޑު ފިލްމެއް ގެއްލުނު: އަމީޝާ

ޝާހްރުކް ޚާނާ އެކީ ކުޅެން ލިބުނު ފިލްމެއް ސެކްރެޓަރީގެ ސަބަބުން ގެއްލުނު ކަމަށް ބޮލީވުޑްގެ ބަތަލާ އަމީޝާ ޕަޓޭލް ބުނެފި އެވެ.

ރިތިކް ރޯޝަނާ އެކު 2000 ވަނަ އަހަރު "ކަހޯ ނާ…ޕިޔާރު ހޭ" އިން ތައާރަފުވި ބަތަލާ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެ ފިލްމަކީ ޝާކްރުކާއި ރާނީ މުކަރްޖީގެ 2003 ގެ "ޗަލްްތޭ ޗަލްތޭ" ކަމަށެވެ. އަމީޝާ ބުނީ ޝާހްރުކާއި ބަތަލާ ޖޫހީ ޗާވްލާ ޕްރޮޑިއުސްކޮށް، އަޒީރު މިރްޒާ ޑައިރެކްޓްކުރި އަސަރު ގަދަ ލޯބީގެ ފިލްމުގެ ބަތަލާގެ ރޯލު އޭނަ އަށް ސެކްރެޓަރީ މެދުވެރިކޮށް ހުށަހެޅި ނަމަވެސް، ސެކްރެޓަރީ އުޅުނީ އެކަން ސިއްރުކޮށްގެން ކަމަށެވެ.

އެހެންވެ އެކަން ނުވެސް އެނގި ހުއްޓައި "ޗަލްތޭ ޗަލްތޭ" ގެއްލުމުން ވަރަށް ދެރަވި ކަމަށް އަމީޝާ ބުންޏެވެ. އޭނަ ބުނި ގޮތުގައި އެ ފިލްމު އޮފާކުރިކަން ފަހުން އެނގުނީ ސީދާ ޝާހްރުކްގެ ފަރާތުންނެވެ.

"ފިލްމު ރިލީޒްކުރަން ތައްޔާރުވަމުން ދިޔަ ދުވަސްވަރު، އެއް ދުވަހު އޭނައާ ދިމާވެގެން ފިލްމުގެ ޑަބިން ސްޓޫޑިއޯ އަށް އަހަރެން ގެންގޮސް، ފިލްމުގެ އެޑިޓް ކަޓެއް ދައްކާފައި ބުނީ މިއީއޭ ތިމަންނަމެން އޮފާކުރީމަ އަމީޝާ ދޫކޮށްލި އެއްޗަކީ." އޭނަ ބުންޏެވެ.

އަމީޝާ ބުނީ ޝާހްރުކްގެ އެ ވާހަކަތަކުން ބޮޑު ހައިރާންކަމެއް ލިބުނު ކަމަށެވެ. އަދި ސެކްރެޓަރީ މެދުވެރިކޮށް "ޗަލްތޭ ޗަލްތޭ" ހުށަހެޅި ވާހަކަ ޝާހްރުކް ބުނުމުން، އޭނައާ ހަމައަށް އެކަން ސެކްރެޓަރީ ގެންގޮސްފައި ނުވާ ކަމަށް ޝާހްރުކް ގާތު ބުނި ކަމަށް އަމީޝާ ބުންޏެވެ.

"އަސްލު ވަރަށް ދެރަވި އެ ދުވަހު. އެންމެ ދެރަވީ ޝާހްރުކާ އެކީ ފިލްމެއް ކުޅެން ލިބުނު ފުރުސަތެއް ގެއްލުނީމަ،" އަމީޝާ ބުންޏެވެ. "އަނެއްކާ ޗަލްތޭ ޗަލްތޭ ވީ ވެސް ވަރަށް ކާމިޔާބު ފިލްމަކަށް."

އެ ފިލްމުގެ ބަތަލާގެ ރޯލު އެންމެ ފުރަތަމަ ދިނީ އައިޝްވާރިއާ ރާއީއަށެވެ. އެކަމަކު އޭނައާ އެކީ ފިލްމުގެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތް ނުވެގެން އައިޝްވާރިއާގެ ބަދަލުގައި އެހެން ބަތަލާއަކު ހޯދީ އެވެ. "ޗަލްތޭ ޗަލްތޭ" މަންޒަރުތަކެއް އައިޝްވާރިއާ ހިމަނައިގެން ޝޫޓް ވެސްކޮށްފައި ވަނިކޮށް، އޭނަ ނުލައި ފިލްމު ހަދަން ޖެހުނު ސަބަބަކީ އޭރު އައިޝްވާރިއާ ރައްޓެހިވެގެން އުޅުނު ސަލްމާން ޚާންގެ ފިލްމުގެ ސެޓަށް ގޮސް ހިންގި ހާޖާނުގަނޑަކާ ހެދި އެވެ.

އަމީޝާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ސަނީ ޑިއޯލްގެ "ގަދަރު 2" އެވެ.