އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ގާނޫނު އިސްލާހުކުރަން ހުށަހަޅާފައިވާ އިސްލާހާއި މެދު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޓްރާންސްޕޭރެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މުއައްސަސާތަކުގެ އެންމެ އިސް ފަރާތްތައް ހުށަހެޅުމުގެ ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ދެވުމުން، ވަކި ސިޔާސީ މަންފާއެއް ހާސިލުކުރުމަށްޓަކާ އެ ފަރާތްތައް އައްޔަންކުރުމަށާއި އަދި ގާބިލު ފަރާތްތައް ނާއިންސާފުވެރި ގޮތެއްގައި ބާކީ ކުރުމަށް މަގުފަހިވެގެން ދިޔުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.
"މި ދެ ކޮމިޝަނުގެ މުހިއްމު ދެ މަގާމަށް ކެންޑިޑޭޓުން އައްޔަންކުރުމުގެ ނުވަތަ ވަކިކުރުމުގެ މުތުލަގު ބާރު ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ނިންމުމެއްގެ މައްޗަށް ބުރަވުމަކީ، ސިޔާސީ ނުފޫޒު ފޯރުވުމަށް މަގުފަހިވެ، މި މުއައްސަސާތަކާ މެދު އާންމުންގެ އިތުބާރު އިތުރަށް ގެއްލުމުގެ ނުރައްކާ އޮތް ކަމެކެވެ. އަދި މިއީ ޑިމޮކްރެސީގެ މުހިންމު އަސާސެއް ކަމުގައިވާ ތިން ބާރު ވަކިކުރުމުގެ އުސޫލާ ސަރުކާރު ޖަވާބުދާރީކުރުވުމަށް ހުރަސްއެޅޭނެ ކަމެކެވެ،" ބަޔާނުގައިވެ އެވެ.
އޭސީސީ އާއި އީސީ އަށް ގާނޫނުން ލިބިދީފައިވާ ބާރުގެ ދަށުން ކޮރަޕްޝަން ހުއްޓުވުމާއި މިނިވަން އަދި އިންސާފުވެރި އިންތިހާބީ އިޖުރާއަތުތައް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމަށާއި އެ މުއައްސަސާތަކުގެ މިނިވަން ކަމަށް ހުރަސްއެޅިދާނެ ކަންކަމުގެ ސަބަބުން މަސްލަހަތު ފުށުއަރާ ހާލަތްތައް މެދުވެރިވުމާއި، އާންމުންގެ އިތުބާރު ގެއްލުމާއި، ޖަވާބުދާރީ ކުރުމަށް އޮތް ހުރަހަކަށް ވެގެން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
ޓްރާންސްޕޭރެންސީން ބުނީ މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަންކުރަން ވާނީ ހާމަކަންބޮޑު، އެ ފަރާތްތަކުގެ ފަންނީ ގާބިލުކަމާއި ނަޒާހަތްތެރިކަމަށް ރިއާޔަތްކުރެވި، ސަރުކާރުގެ ސިޔާސީ ނުފޫޒުން މިނިވަން ވެފައިވާ އުސޫލެއްގެ ދަށުން ކަމަށެވެ. އެގޮތުން މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމުގެ އުސޫލު އިތުރަށް ހަރުދަނާކުރުމަށްޓަކާ ޝަރުތު ހަމަވާ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވެޓްކޮށް، އިންޓަވިއު ކުރުމުގެ ފުރުސަތު ފަހިކޮށްދޭންވާނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.
މިފަދަ ހަރުދަނާ އުސޫލުތައް ތައާރަފް ކުރެވިއްޖެނަމަ މިފަދަ މުހިއްމު މަގާމުތައް އައްޔަންކުރުމުގައި ހާމަކަން އިތުރުވެ، ވަކި ފަރާތަކަށް ބުރަވުން ކުޑަވެގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.