Last Updated: November 21, 17:06
Thursday, November 21, 2024
ޚަބަރު

އެމްއައިބީން ކޭޝް ކާޑުގެ ބަދަލުގައި އަނގޮޓިއެއް!

ކޭޝް ކާޑުގެ ބަދަލުގައި ބޭނުން ކުރެވޭ އަނގޮޓިއެއް މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީ) އިން މުޅިން އަލަށް ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.

ހުޅުމާލޭގައި ރޭ ހަވާ ވެސް އެރުވުމުގެ ކުލަގަދަ ހަރަކާތްތަކާ އެކީ ބޭއްވި ހަފުލާއެއްގައި ތައާރަފުކުރި "ފައިސާވެއާ" އަނގޮޓި އަކީ ކޭޝް ކާޑާއި ދާދި އެއްގޮތަކަށް މަސައްކަތް ކުރާ ޑިވައިސްއެކެވެ. އެމްއައިބީން ބުނީ މާދަމާ އިން ފެށިގެން މާލޭ ބިޒްނަސް ސެންޓަރުންނާއި ރަށްރަށުގައި ގާއިމުކޮށްފައި ހުންނަ ބްރާންޗްތަކުން ވެސް އެ އަނގޮޓި ލިބެން ހުންނާނެ ކަމަށެވެ.

ރޭގެ ހަފުލާގައި ވަނީ ބޭންކްގެ އާ މޯބައިލް އެޕްލިކޭޝަނުން އެކްސެސް އޮތް އެހެން އެކައުންޓްތަކަށް ސްވިޗް ކުރެވޭ ގޮތް ވެސް ތައާރަފުކޮށްފަ އެވެ. އެގޮތުން، ފަސޭހަކޮށް އެޕްރޫވް ކުރަން ޖެހޭ ޓްރާންސެކްޝަންތައް އެޕްރޫވް ކުރުމުގެ އިތުރުން ކަސްޓަމަރުންނަށް ބޭނުންކޮށްލަން ފަސޭހަ ގިނަ ފީޗާތައް އާ އެޕްގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން "ބިންގާ ކިޑްސް އެކައުންޓް" ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަ އެކައުންޓެއް ވެސް ތައާރަފުކޮށްފައިވެ އެެވެ. މީގެ ދަށުން ތަފާތު ތިން ވައްތަރެއްގެ އެކައުންޓު ހިމެނޭ ބަންޑަލް ޕެކޭޖް ލިބޭނެ އެވެ. އެގޮތުން ޕޭކޭޖުގައި ކޮންމެ ކުއްޖަކަށް ވެސް ބިންގާ ޓްރާންސެކްޝަން އެކައުންޓާއި، ބިންގާ ސޭވިން އެކައުންޓުގެ އިތުރުން ބިންގާ އިންވެސްޓްމަންޓް އެކައުންޓު ވެސް ލިބޭނެ އެވެ.

ބިންގާ ޓްރާންސެކްޝަން އެކައުންޓު މެދުވެރިކޮށް ދަރިން މާލީ ގޮތުން ޒިންމާދާރު ކުރުވުމަށް ބެލެނިވެރިންގެ ބެލުމުގެ ދަށުން ބޭނުން ކުރެވޭ އެ އެކައުންޓަށް ކޭޝް ކާޑެއް ވެސް ލިބެ އެވެ. އަދި ހަރަދު ކުރެވޭ ލިމިޓް ބެލެނިވެރިންނަށް ކަނޑައެޅޭ އިރު ދަރިންނަށް ފަހަށް ރައްކާ ކުރުމަށް މީގެ ތެރެއިން ބާރު އަޅައި ދޭނެ އެވެ.