ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު އޮތީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.
ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލްތަކަށް ހައްގުވާ ބްލޮކް ގްރާންޓުން ވަރަށް ބޮޑު މިންވަރެއް ގާނޫނުއަސާސީއާއި ލާމަރުކާޒީ ގާނޫނާ ހިލާފަށް އުނިކޮށް، މާލީ ވަޒީރު ގާނޫނާ ހިލާފުވުމަކީ ކަންބޮޑުވާ އަދި އެ އަމަލު ކުށްވެރިކުރާ ކަމަށެވެ.
ލާމަރުކަޒީ އުސޫލު ކުރިއަރުވައި ބާރުވެރިކުރުމުގެ ޒިންމާއަކީ ވަޒީރަކަށް ނުވަތަ ވެރިޔަކަށް ނުވަތަ މުއައްސަސާއަކަށް ވިޔަސް އޮތް އިހުތިޔާރީ ކަމެއް ނޫން ކަމަށާއި އެއާ ހިލާފަށް އެއީ ދުސްތޫރީ އަދި ގާނޫނީ ވާޖިބެއް ކަމަށް ބުނެފައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގާނޫނުގައި ވަކި މުއައްސަސާއަކަށް ވަކި ނިސްބަތަކުން ފައިސާ ދިނުމަށް ލާޒިމުކުރުމުން އެ ނޫން ގޮތަކަށް ދައުލަތުގެ ބަޖެޓު އެކުލަވާލުމަކީ ސަރުކާރަށް އަދި ރައްޔިތުންގެ މަޖިލީހަށްވެސް އޮތް ބާރެއް ނޫން ކަމަށާއި އެއީ ކަނޑައެޅިގެން ގާނޫނާ ހިލާފުވުމުގެ އަމަލެއް ކަމަށެވެ.
"އެހެންކަމުން އެފަދައިން އަމަލުނުކުރެއްވުމަށާއި، ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވެވަޑައިގަތުމަށް މާލީ ވަޒީރަށާއި ސަރުކާރަށް މި ޕާޓީން އިލްތިމާސްކޮށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
އަންނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހެޅި އިރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ. މި ހިނގާ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ކަނޑައަޅައި އެންމެ ފުރަތަމަ ފައިސާ ދޫކުރަން ފެށީ 2020 ވަނަ އަހަރުގެ ބަޖެޓާ އެކު އެވެ.