ސަރުކާރުގެ މިސްރާބު ހުރީ ލާމަރުކަޒީ ގާނޫނު ވުޖޫދުން ފޮހެލަން ކަމަށް މާލޭ ސިޓީގެ މޭޔަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ މިސްރާބު ހުރީ ލާމަރުކަޒީ ޤާނޫނު، ވުޖޫދުން ފޮހެލަންކަން، ސަރުކާރުގެ ޢަމަލުތައް ހުރިގޮތުން ދޭހަވާ ކަމަށާއި ސަރުކާރުގެ ނިންމުންތައް ހުރިގޮތުން، ލާމަރުކަޒީ ޤާނޫނަށް ޢަމަލުކުރަން ބޭނުން ނުވާކަން ދަނީ ފެންނަމުން ކަމަށެވެ.
ލާމަރުކަޒީ ޤާނޫނުން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ލާޒިމްކޮށްފައިވާ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް، ކައުންސިލްތަކުން ހުށަހެޅި ފައިސާ ބޮޑުބައެއް ބަޖެޓުން އުނިކޮށްފައިވާ ކަމަށާއި މިއީ ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުން، ރައްޔިތުން މަޙުރޫމްކުރުމަށް ރާވައިގެން ކުރާ ކަންކަމުގެ ތެރެއަށް އިތުރުވި ބޮޅެއް ކަމަށް އާޒިމް ވިދާޅުވި އެވެ.
ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ލާޒިމްކޮށްފައިވާ ޚިދުމަތް ދިނުމަށް، ބަޖެޓްގައި ހިމަނާފައިވާ ފައިސާ އުނިކުރުމުގެ ބާރު، ސަރުކާރަށް ނޯންނާނެ ކަމަށާއި އެހެންކަމުން މިފަދަ ކަންކަން އިސްލާޙުކުރުމަށް އާޒިމް ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
"ބަޖެޓް ތައްޔާރުކޮށްފައިވަނީ ލާމަރުކަޒީ ގާނޫނާ ލާފަށް. ގާނޫނާ އެއްގޮތައް ބަޖެޓް އެކުލަވާލުމަށް ގޮވާލަން،" އާޒިމް ވިދާޅުވި އެވެ.
އަންނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހެޅި އިރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ. މި ހިނގާ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ކަނޑައަޅައި އެންމެ ފުރަތަމަ ފައިސާ ދޫކުރަން ފެށީ 2020 ވަނަ އަހަރުގެ ބަޖެޓާ އެކު އެވެ.