Last Updated: November 23, 20:35
Saturday, November 23, 2024
ޚަބަރު

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން އިސްކަންދެން

ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

މިއީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންތައްތައް ކުރަން އިސްކަންދޭ ސަރުކާރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހެދި "އޮޅު ހިޔާ" ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންތައްތައް ކުރުމުގައި އަބަދުވެސް ސަރުކާރުން އިސްކަންދޭނެ ކަމަށާއި ވޭތުވެދިޔަ އަހަރެއްގެ ތެރޭ ކައުންސިލްތައް ބާރުވެރިކުރަން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން 160 އަށް ވުރެ ކައުންސިލްތަކާއި އަމިއްލަ އަށް ވަޑައިގެން ގޮސް ބައްދަލުކުރައްވާފައިވާނެ ކަމަށާއި ކައުންސިލްތަކުން ހުށަހެޅި ކަންކަން ރައީސް އޮފީހާއި ކަމާބެހޭ ވުޒާރާތައް މެދުވެރިކޮށް ތަންފީޒުކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގައި އެންމެ ބޮޑަށް، އެންމެ އިސްކަމެއް ދީގެން އަޅުގަނޑުމެން މަސައްކަތް ކުރަމުންދާކަން އެއީ ފެންނަން އޮތް ހަގީގަތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަހަރުތެރޭ ކައުންސިލް އިމާރާތްތައް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށާއި އަދި ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުތައް ވެސް ފަހިކޮށްދީފައިވާ ކަމަށެވެ. ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ ބްލޮކް ގްރާންޓުގެ ފަސް ޕަސެންޓު ކައުންސިލްތަކަށް މިފަހަރު ބަޖެޓް ފާސްވެގެންދާއިރު ވެސް ލިބޭނެ ކަމަށާއި އޭގެ އިތުރަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން ވަކި ޕަސެންޓެއް ކައުންސިލްތަކަށް ދޭން ގާނޫނު އިސްލާހުކުރަން މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރަށް ގާނޫނުގައި މިއަދާ ހަމައަށް ލިޔެވިފައި ހުރި ނަމަވެސް ކައުންސިލްތަކާއި ހަވާލުނުކޮށް ހުރި ވަރަށް މުހިއްމު ކަންތައްތަކެއް ހަވާލުކުރާނެކަން ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާން ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ވަޒީރުންގެ މަޖިލީހުގައި ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ކައުންސިލްތައް މެދުވެރިކޮށް ކަންކަން ކުރުމުގައި ސަރުކާރުން އަމަލާއި ބަހާއި ދިމާކުރަމުންދާ ކަމަށާއި މިއަދު ހުޅުވިގެންދިޔަ ފެސިލިޓީ އަކީ ވެސް އޭގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.