Last Updated: November 23, 20:04
Saturday, November 23, 2024
ޚަބަރު

މި ސަރުކާރު އޮންނާނީ ރައްޔިތުންގެ ފަޅީގައި

ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރު އޮންނާނީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހެދި "އޮޅު ހިޔާ" ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަމުން ދާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން ކަމަށެވެ.

"މިއަދާ ހަމައަށް އައިއިރުގައި އެތައް ކަމެއް އިރާދަކުރެއްވީތީ ރައްޔިތުންގެ ފަޅީގައި ތިބެގެން، ރައްޔިތުންގެ އިހުސާސްތަކަކީ ކޮބައިތޯ ވިސްނައިގެން، ރައްޔިތުންނަށްޓަކާ ނިންމަމުން މިދަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ފަޅިއަށް ޖެހިލައިގެން، އަތްލާން ނުކެރެވިފައި ހުރި އެތައް ދުވަހެއްވީ ކަންކަމާއި އަދި ބާރުގަދަ އެތައް ބައެއްގެ ބާރުތަކުގެ ތެރޭގައި ތަޅުލެވިފައި ހުރި އެތައް ކަމެއް ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމުގައި ސަރުކާރުގެ ދެވަނަ ވިސްނުމެއް ނެތް ކަމަށާއި ހުރިހާ ކަމެއް ވެސް ކުރަމުންދާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން ކަމަށްވެސް ވިދާޅުވި އެވެ.

"ރައްޔިތުންގެ އިހުސާސާއި ވިންދު ދެނެގަނެގެން، ރައްޔިތުން ބޭނުންވާ ގޮތަށް. އަދި އެކަން ކުރުމުގައި ކައުންސިލަރުންނާއި، މަޖިލިސް މެމްބަރުންނާއި މިގޮތަށް އިންތިހާބުވެފައި ތިބޭ ބޭފުޅުންގެ ފުރިހަމަ އެހީތެރިކަމާއި ބައިވެރިވުން ހޯދައިގެން ކުރިއަށް ގެންދާނީ،" ރައީސް ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 5000 އަކަ ފޫޓުގެ ބިމެއްގައި ތަރައްގީކުރި ބުޅާ ފެސިލިޓީގެ މަސައްކަތް ފެށީ މިދިޔަ މާޗު މަހު އެވެ.

މި ތަނަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމަތީގަ އާއި އަދި އެ ނޫންވެސް ޢާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާ ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށާއި އާންމު ތަންތަނުގައި ބުޅާ ގިނަވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ބޭނުމުގައި ހެދި ފެސިލިޓީއެކެވެ.

އެ ތަނުގައި ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަޙައްދަކާއި، ކްލިނިކަކާއި، ފާމަސީ އާއި، ލެބޯޓްރީ އަދި ހިޔާވަހިކަމާއި، އެކަށީގެންވާ ޞިއްޙީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ އެވެ. މީގެ އިތުރުން ގޭގައި ގެންގުޅޭ ބުޅާތަކަށް ވެސް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ މި ފެސިލިޓީން ލިބިގެންދާނެ އެވެ.