ވަރަށް ކަނު އަނދިރި ރެއެކެވެ. ވަގުކަލޭގެ މަޑުމަޑުން މާލިކް ބިން ދީނާރުގެ ގޭގެ ފާރުތަކުގައި އަތް ހާކަމުން ހާކަމުން ގޭގެ އެތެރެއަށް ވަދެއްޖެއެވެ. ނަމަވެސް އެތެރެއަށް ވަދެވުމުން ވަގުކަލޭގެ އަށް ފެނުނީ ވަރަށް ހިތްނުތަނަވަސް ވާފަދަ މަންޒަރެކެވެ. ވަގަށް ގެންދަން ކަމުދާ އަގުހުރި އެއްވެސް އެއްޗެއް މި ހަތަރު ފާރު އެތެރެއަކު ނެތެވެ. އޭގެ އިތުރުން، ގޭގެ ވެރިމީހާ ވެސް ގޭގެ ތެރޭގައި ހޭލާ ހުއްޓެވެ. ނަމަވެސް ހުރީ ނަމާދުކޮށް ދުޢާކުރުމުގައި މަސްޢޫލުވެއެވެ.
މާލިކް ބިން ދީނާރަށް ވަގުކަލޭގެ ޙަރަކާތްތަކުގެ އިޙްސާސްވެވަޑައިގަތުމުން، ޙައިރާންވެވަޑައިގަތުމުގެ ބަދަލުގައި ވަރަށް ހަމަޖެހިވަޑައިގެން ހުންނަވާ ފަހަތަށް އެނބުރި ވަޑައިގެން ވަގުކަލޭގެއާ ކުރިމަތިލައްވާ ސަލާމް ގޮވާލެއްވިއެވެ. އަދި ވިދާޅުވި އެވެ.
“އަހަރެންގެ އަޚާއެވެ. މާތް ﷲ ތިބާގެ ފާފަތައް ފުއްސަވާށިއެވެ. ތިބާ އަހަރެންގެ ގެއަށް ވަދެ، ގެންދަން ކަމުދާ އެއްޗެއް ނުފެނުނަސް، ތިބާއަށް ފައިދާއެއް ލިބިދީފައި ނޫނީ މިގެއިން ތިބާ ނުކުތަކަ ތިމަންކަލޭގެފާނު ނުދެއްވާހުށީމެވެ.”
ދެން، މާލިކް ބިން ދީނާރު ތެދުވެވަޑައިގެން އަތްޕުޅުން ފެން ކަންވާރެއް ހިއްޕަވައިގެން ވަގުކަލޭގެއާ ކައިރިއަށް ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ.
“މިކަންވާރުން ވުޟޫކުރައްވައިގެން، ދެރަކުޢަތް ނަމާދެއް ކުރައްވާށެވެ. ތިބާ އެހެން ޢަމަލުކުރައްވައިފި ނަމަ، ތިބާ އެނބުރި ދާނީ ތިބާ ހޯދަން އައި އެއްޗަކަށްވުރެ ހެޔޮވެގެންވާ އެއްޗެއް ހިއްޕަވައިގެންނެވެ.”
ވަގުކަލޭގެ ގަތްލަދަށްވުރެ ބޮޑަށް ލިބުނު ހިތްތިރިކަމުގެ ސަބަބުން ވަރަށް ޝުކުރު އަދާކޮށް ވުޟުކޮށް ނަމާދުކުރަން ފެއްޓިއެވެ. ނަމާދުކޮށް ނިމުމުން ވަގުކަލޭގެ މާލިކް ބިން ދީނާރަށް ބުންޏެވެ.
“އޭ މާލިކެވެ. އަހަރެން އިތުރު ދެރަކުޢަތެއް ކޮށްލަން މަޑުކޮށްލިޔަސް ކަލޭގެފާނަށް އުނދަގޫކަމަކަށް ވާނެތޯއެވެ؟”
“ﷲ ތިބާގެ މައްޗަށް މިންވަރުކުރެއްވި ވަރަކަށް ތިބާ ނަމާދުކުރިއަށް ގެންދަވާށެވެ.” މާލިކް ބިން ދީނާރު ޖަވާބުދެއްވިއެވެ.
ވައްކަންކުރަން އައި މީހާ އެންމެފަހުން އެރޭ އެއްކޮށް ނަމާދުކުރުމުގައި ހޭދަކުރިއެވެ. އެންމެ ފަހުން ފަތިސްވެ އިރުއެރުމުން މާލިކް ބިން ދީނާރު ވިދާޅުވިއެވެ.
“ދެން ތިބާ ދާށެވެ. އަދި ރަނގަޅަށް ހެޔޮ ގޮތުގައި އުޅޭށެވެ.”
ވަގުކަލޭގެ މާލިކް ބިން ދީނާރަށް ބުންޏެވެ. “އަހަރެން މިއަދު ކަލޭގެފާނު އަރިހު މަޑުކޮށްލިޔަސް ކަލޭގެފާނަށް އުނދަގޫކަމަކަށް ވާނެތޯއެވެ؟ އަމުދުން އަހަރެން މިހުރީ މިއަދު ރޯދައަށް ހުންނަން ކަމަށް ނިޔަތް ގަނެގެންނެވެ.”
“ތިބާ ބޭނުން މުއްދަތެއް ވަންދެން މަޑުކުރާށެވެ.” މާލިކް ބިން ދީނާރު ޖަވާބުގައި ވިދާޅުވިއެވެ.
އެންމެ ފަހުން އެމީހާ މާލިކް ބިން ދީނާރުގެ އަރިހުގައި އެތައް ދުވަހެއް ވަންދެން މަޑުކުރިއެވެ. ދުވާލު ރޯދަހިފުމާއި ރޭގަނޑު ނަމާދުކުރުމުގައެވެ. ދެން އެމީހާ އެނބުރި ދާންވީ ވަގުތު އައުމުން މާލިކް ބިން ދީނާރަށް މުޚާތަބުކޮށް ބުންޏެވެ.
“އޭ މާލިކެވެ. އަހަރެން ތައުބާވުމަށް ޢަޒުމްކަނޑައަޅައިފީމެވެ.”
މާލިކް ބިން ދީނާރު ވިދާޅުވީ، “ތިޔަކަންތައް ވަނީ މާތް ﷲގެ އަތްޕުޅުގައެވެ.”
އެމީހާ މާލިކް ބިން ދީނާރުގެ ގެއިން ނުކުތީ، އޭނާއަށް ކުރިން އުޅެވުނު ވިޔާނުދާ ގޮތްތަކާމެދު ހިތާމަކުރާ ހާލު އެކަންކަމުން ތައުބާވެގެންވާ ޙާލު، އޭނާގެ އުޅުން އިސްލާޙްކޮށްގެންނެވެ. އެގެއިން ނުކުމެގެން އޭނާ ހިނގާފައި ދަނިކޮށް އޭނާ ދަންނަ އެހެން ވަގަކާ ދިމާވެއްޖެއެވެ. ތައުބާ ވެފައިވާ މީހާގެ ސާފު ސާދާ އުޖާލާ މޫނު ފެނިފައި އެވަގު އަހާލިއެވެ.
“އަހަންނަށް ހީވަނީ ކަލެއަށް އެންމެފަހުން ރަނގަޅު ޚަޒާނާއެއް ލިބުނީ ހެންނެވެ؟”
“އޭ އަހަރެންގެ އަޚާއެވެ.” ޖަވާބުދެމުން އޭނާ ބުންޏެވެ. “އަހަންނަށް ލިބުނީ މާލިކް ބިން ދީނާރެވެ. އޭނާގެ ފަރާތުން ވައްކަން ކުރުމަށް އަހަރެން ދިޔައީމެވެ. ނަމަވެސް އޭނާ އަހަރެންގެ ފަރާތުން އެއްޗެއް ވަގަށް ނެގީއެވެ. އެއީ އަހަރެންގެ ހިތެވެ. ހަމަކަށަވަރުން އަހަރެން ﷲގެ ޙަޟުރަތުން ތައުބާވެއްޖައީމެވެ. އަދި އެކަލާނގެއަށް ކިޔަމަންތެރި ލޮބުވެތި އަޅުންނަށް ލިބޭ އެއްޗެއް ލިބިއްޖައުމަށް ދާންދެން، އެކަލާނގެ ރަޙްމަތާއި މަޣުފިރަތުގެ ދޮރުގައި ތިމަން ހުންނާނަމެވެ.”
މަސްދަރު: އިލްމު.އެމްވީ