ކައުންސިލްތަކަށް ނިކަމެތި ކަމެއް ލިބޭނެ ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުކުރައްވާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހެޅި އިރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ. މި ހިނގާ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
މިކަމާ ގުޅިގެން ބައެއް ކައުންސިލްތަކުގެ މޭޔަރުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރައީސް މުއިއްޒު މިއަދު ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްވެގެންދާއިރު ގާނޫނުން ލާޒިމު ކުރާ އަދަދަށް ކައުންސިލްތަކަށް ބަޖެޓު ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.
އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާއި ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުމަކީ ރައީސް މުއިއްޒުގެ މުހިއްމު ސިޔާސަތެއް ކަމަށާއި 160 އަށް ވުރެ ގިނަ ކައުންސިލްތަކާއި ބައްދަލުކުރައްވައި، ކައުންސިލްތަކުގެ އަޑު އެއްސެވި ހަމައެކަނި ރައީސަކީ ވެސް ރައީސް މުއިއްޒު ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 120 އަށް ވުރެ ގިނަ ކައުންސިލް އިމާރާތް އަޅާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ކައުންސިލްތަކަށް ނިކަމެތި ކަމެއް ލިބޭނެ ކަމެއް ރައީސް މުއިއްޒު ނުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް. އަންނަ އަހަރު ވެސް ގާނޫނާ އެއްގޮތަށް ކައުންސިލަށް ލިބޭނެ ކަމަށް ރައީސް މުއިއްޒު މިއަދު ވަނީ ވިދާޅުވެދެއްވާފައި،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ކަނޑައަޅައި އެންމެ ފުރަތަމަ ފައިސާ ދޫކުރަން ފެށީ 2020 ވަނަ އަހަރުގެ ބަޖެޓާ އެކު އެވެ.