Last Updated: December 3, 21:46
Tuesday, December 3, 2024
ކުޅިވަރު

ލިވަޕޫލަށް މޮޅެއް، އާސެނަލާއި ސިޓީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ލިވަޕޫލް މޮޅުވިއިރު، އާސެނަލާއި މެންޗެސްޓާ ސިޓީ ބަލިވެއްޖެ އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް މިހާރު އޮތީ 10 މެޗުން ލިބުނު 25 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 23 ޕޮއިންޓާ އެކު ސިޓީ އޮތްއިރު އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ތިންވަނައިގައި 19 ޕޮއިންޓާ އެކު މިހާރު އޮތީ ނޮޓިންހަމް ފޮރެސްޓް އެވެ. އާސެނަލް އޮތީ 18 ޕޮއިންޓާ އެކު ހަތަރުވަނައިގަ އެވެ.

އަމިއްލަ ދަނޑުގައި ލިވަޕޫލް މިރޭ މޮޅުވީ ބްރައިޓަންއާ ބައްދަލުކޮށް 2-1 އިންނެވެ.

މި މެޗުގެ 14 ވަނަ މިނެޓްގައި ފާޑި ކަޑްރޮގްލޫ ވަނީ ބްރައިޓަނަށް ލީޑު ނަގައިދީފަ އެވެ. މި ގޯލަށް ފަހު ވެސް ބްރައިޓަން އިން ވަނީ މި ހާފުގައި ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. ލިވަޕޫލަށް މެޗުގެ 69 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްދިނީ ކޯޑީ ގަކްޕޯ އެވެ. އޭގެ ތިން މިނެޓް ފަހުން ލިވަޕޫލުން އުފެއްދި ކައުންޓަ އެޓޭކެއްގައި އެޓީމަށް ލީޑު ނަގައިދިނީ މުހައްމަދު ސަލާ އެވެ.

ލިވަޕޫލުން ވަނީ ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން 8 މެޗުން މޮޅުވެފަ އެވެ. އެޓީމު ލީގުގައި ބަލިވީ އެންމެ މެޗަކުންނެވެ.

ސިޓީ ބަލިވީ ރަށުން ބޭރުގައި ބޯންމަތްއާ ބައްދަލުކޮށް 2-1 އިންނެވެ. މެޗުގެ 9 ވަނަ މިނެޓްގައި އެންޓޮއިން ސެމެންޔޯ ބޯންމަތަށް ލީޑު ނަގައިދިންއިރު، މެޗުގެ 64 ވަނަ މިނެޓްގައި ބޯންމަތްގެ ބްރެޒިލް ފޯވާޑް އެވަނިލްސަން ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އޭގެ ހަތަރު މިނެޓް ފަހުން ބޯންމަތުން ފޮނުވާލި ހަމަލާއެއް ސިޓީގެ ގޯލުގެ ދަނޑި އަށް އަމާޒުވެފައިވެ އެވެ.

ސިޓީގެ ހަމައެކަނި ގޯލު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޮސްކޯ ގްވާޑިއޯލް އެވެ.

ނިއުކާސަލް ޔުނައިޓެޑާއި ބައްދަލުކޮށް އާސެނަލް މިރޭ ބަލިވީ 1-0 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ނިއުކާސަލަށް މެޗުގެ 12 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް އެލެގްޒެންޑާ އިސާކް އެވެ. މިއީ އާސެނަލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން ކާމިޔާބު ކުރި ގޯލެކެވެ.

އާސެނަލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ނިއުކާސަލްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ނޮޓިންހަމް ފޮރެސްޓުން ވަނީ 3-0 އިން ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ސައުތެމްޓަން އިން 1-0 އިން އެވަޓަންގެ މައްޗަށް ކުރި ހޯދިއިރު އިޕްސިވިޗް ޓައުން އާއި ލެސްޓަ ސިޓީ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.