ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ހިތްވަރުދީ މި އަހަރުގެ ކުރީކޮޅު ވާހަކަ ދެއްކި ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރު ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
އޭނަ ރާއްޖެ އައީ އިއްޔެ އެވެ. އެނގިފައިވާ ގޮތުގައި އަކްޝޭއާ އެކީ އަންހެނުން ޓްވިންކަލް ކަންނާގެ އިތުރުން އަންހެން ދަރިފުޅު ނިތާރާ ވެސް ރާއްޖެ އައިސްފައިވެ އެވެ. ނަމަވެސް ދަތުރުގެ އެއްވެސް ފޮޓޯއެއް އަކްޝޭ އާއި ޓްވިންކަލްގެ ސޯޝަލް މީޑިއާ ފްލެޓްފޯމެއްގައި އަދި ހިއްސާކޮށްފައެއް ނުވެ އެވެ.
އަކްޝޭ އަކީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ތަރިއެކެވެ. އެގޮތުން އެންމެ ފަހުން އޭނަ ރާއްޖެ އައީ 2021 ގަ އެވެ.
މި އަހަރުގެ ކުރީކޮޅު ސޯޝަލް މީޑިއާގައި ރާއްޖެ ބޮއިކޮޓްކުރަން ގޮވާލައި އިންޑިއާގެ ވަރަށް ގިނަ ބަޔަކު ޝުއޫރު ފާޅުކުރަމުން ދިޔަ އިރު، އަކްޝޭ އަކީ ވެސް އެކަމުގައި ބައިވެރިވި މީހެކެވެ. އެގޮތުން ރާއްޖޭގެ ބަޔަކު އިންޑިއާ އަށް ފާޑުކިޔައި އެކްސްގައި ކުރި ޕޯސްޓްތަކެއްގެ ސްކްރީންޝޮޓްތަކަކާ އެކި އަކްޝޭ އެކްސްގައި ބުނީ އިންޑިއާ އަކީ ރާއްޖެ އަށް ވަރަށް ގިނަ ޓޫރިސްޓުންދާ ގައުމެއް ކަމަށާއި އެކަމަކު އިންޑިއާ ދެކޮޅަށް ރާއްޖެ ނުކުތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
Came across comments from prominent public figures from Maldives passing hateful and racist comments on Indians. Surprised that they are doing this to a country that sends them the maximum number of tourists.
We are good to our neighbors but
why should we tolerate such… pic.twitter.com/DXRqkQFguN— Akshay Kumar (@akshaykumar) January 7, 2024
އެހެންވެ ރާއްޖެ ދިއުމުގެ ބަދަލުގައި ޕްރޮމޯޓްކުރަންވީ އިންޑިއާހެ ޓޫރިޒަމް ކަމަށް ބުނެފައިވެ އެވެ.
އިންޑިއާގައި ރާއްޖެ ބޮއިކޮޓްކުރުމުގެ ހަރަކާތްތަކެއް ހިންގީ މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެރ. އެކަމާ ހެދޮ ދެ ގައުމުގެ ގުޅުމަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ވެރިވި ނަމަވެސް، މިހާރު ގުޅުން އަލުން ރަނގަޅުުވެ. އިންޑިއާގެ ޓޫރިސްޓުން އަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.
އެގޮތުން ވަރަށް ގިނަ ފިލްމީ ތަރިން މިއަހަރުގެ މެދުތެރެއިން ފެށިގެން ރާއްޖެ އަންނަކަން ފާހަގަކުރެވެ އެވެ. ދާދި ފަހުން ވަނީ އިންޑިއާގައި ރާއްޖެ ޕްރޮމޯޓްކުރަން ހަރަކާތްތަކެއް ވެސް ހިންގައިފަ އެވެ.
މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާ މިހާރު އޮތީ އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްގެ 6 ވަނައިގަ އެވެ. އެ ގައުމުން މިހާތަނަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިހާރު 100.000 އާ ގާތްކުރެ އެވެ.
އަކްޝޭ ޗުއްޓީ އަށް ރާއްޖެ އައިސްފައި މި ވަނީ އޮގަސްޓްގައި ޔޫރަޕްގައި ޝޫޓިން ފެށި އޭނަގެ ކޮމެޑީ ފްރެންޗައިޒް "ހައުސްފުލް" ގެ ފަސް ވަނަ ބައިގެ ޝޫޓިން ޝެޑިއުލްއެއް ނިންމައިލުމަށް ފަހު އެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ އަޖޭ ދޭވްގަންގެ "ސިންގަމް އެގެއިން" ގައި އަކްޝޭގެ އެކްސްޓެންޑް ކެމިއޯއެއް ހިމެނޭ އިރު، އެ ފިލްމުގެ ބަތަލާ ކަރީނާ ކަޕޫރް ވެސް މި ވަގުތު ހުރީ ފިރިމީހާ ސައިފް އަލީ ޚާނާއި ދެ ކުދިންނާ އެކީ ޗުއްޓީ އަށް ރާއްޖޭގަ އެވެ.