ރައްޔިތުން މަޖިލީހަށް ބަޖެޓު އަލުން ހުށަހެޅުމަށް އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
އަންނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހެޅި އިރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ. މި ހިނގާ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބަޖެޓުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނާ އަދަދު އޮޅުވާލީ، ކައުންސިލްތައް މާލީ ގޮތުން ބަލިކަށިކޮށްލުމުގެ ގޮތުން ކަމަށެވެ.
"މިފަދަ ގޮތަކަށް ކައުންސިލްތަކުގެ ބަޖެޓް އުނިކުރަން ނިންމާފައިވާ ދަނޑިވަޅަކީ ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެންބަރުން ރާއްޖޭގައި މިހާރު އޮތް ކައުންސިލް ނިޒާމު އުވާލައި އަލުން ބަލުން ކަތީބު ނިޒާމު ބޭއްވުމަށް ފާޅުގައި ވަކާލާތު ކުރާ ދަނޑިވަޅެއް ކަމުގައި ވެސް މި ޕާޓީއިން ފާހަގަކުރަމެވެ." އެ ބަޔާނުގައިވެ އެވެ.
ސަރުކާރުން މަޖިލީހަށް މިހާތަނަށް ހުށަހަޅައި ފާސްކުރަމުންދާ ބައެއް ގާނޫނުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ކައުންސިލްތަކަށް ގިނަގުނަ ހުރަސްތައް ކުރިމަތިވާނެކަން ކައުންސިލްތަކުން ފާހަގަކޮށް އެ ޕާޓީގެ ސަމާލު ކަމަށް ގެންނަ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ވަނީ ބަޖެޓަށް ބަދަލުތައް ގެނެސް ވީހާވެސް އަވަހަކަށް އަލުން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށްވެސް ބުނެފައިވެ އެވެ.