ބޮލީވުޑްގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސްް، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމަކަށް ހެދި އޮޑިޝަނަކަށް ފަހު، ފުރުސަތު ނުދިމުން ވަރަށް ދެރަވި ކަމަށް ބަތަލާ ނޯރާ ފަތުހީ ބުނެފި އެވެ.
މީޑީއާއަކަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ ކެރިއަރުގެ އެންމެ ކުރީކޮޅު ކުރަން ޖެހުނު އެ ތަޖުރިބާގެ ސަބަބުން ހިތްދަތިވެގެން ވަރަށް ރުއި ކަމަށެވެ. އަދި ރުޅި ވެސް ގަދަވެގެން އަމިއްލަ ފޯނު އެއްލާލައި، ހަލާލުކޮށްލި ކަމަށް ނޯރާ ބުންޏެވެ.
"އެ މީހުން ބުނީ އަހަރެންގެ ނެތޭ އެ ފިލްމުގައި މަސައްކަތް ކުރާ ވަރުގެ ކޮލިޓީއެއް." މިހާރު ބޮލީވުޑުން ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ފަންނާނު ބުންޏެވެ.
ނޯރާ، 32، ބުނީ ވައިއާރްއެފްގެ ތަޖުރިބާ އިން ފަހުން ލިބުނީ ހިތްވަރެއް ކަމަށެވެ. އެހެންވެ ފަހުން އަޒުމް ކަނޑައެޅީ ލިބެން ނެތް އެއްޗެއް ހޯދަން ނޫޅުމަށާއި އޭނަގެ ވަގުތު ޖެހެންދެން މަޑުކުރުމަށް ކަމަށް ބުންޏެވެ.
"މިހާރު އަހަންނަށް ގަބޫލުކުރެވޭ ކޮންމެ ކަމަކަށް ވެސް ވަގުތެއް އޮންނާނެކަން،" ކެނެޑާ އަށް އުފަން ނޯރާ ބުންޏެވެ. "އެ ވަގުތަށް އަހަރެން ކުރި އިންތިޒާރު މިހާރު ފޮނި."
އޭނަގެ ވިދުން ގަދަކޮށް ދިނީ ޖޯން އަބްރަހަމްގެ 2018 ގެ ފިލްމު "ސަތިއަމޭވް ޖަޔަތޭ" އަށް ކުޅުނު އައިޓަމް ލަވަ "ދިލްބަރު" އިންނެވެ. އޭގައި ނޯރާ ދައްކުވައި ދިން ހުނަރުވެރި ފަރި ނެށުންތަކާ އެކީ، ވަރަށް ގިނަ ފިލްމުތަކުގެ އައިޓަމް ލަވަތަކުން ފުރުސަތު އޮހެން ފެށި އެވެ. އެގޮތުން މިހާތަނަށް އެތައް ލަވައެއްގައި ނެށުމުގެ ހުނަރު ދައްކާލައިގެން ނޯރާ ވަނީ އެތައް ބައެއްގެ ހިތްތައް އަތުލައިފަ އެވެ.
އެކަމަކު އޭނަ އަށް އަދިވެސް ފިލްމުތަކުގައި ލީޑް ރޯލު ކުޅެން ލިބޭލެއް މަދަސް މިހާރު އެފަދަ ފުރުސަތުތައް ވެސް އަންނަނީ ލިބެމުންނެވެ. މި އަހަރު ރިލީޒްކުރި ވިދުޔަމް ޖަމްވަލްގެ "ކްރެކް" އާއި ސައިފް އަލީ ޚާންގެ ޅިޔަނު އަދި އެކްޓަރު ކުނާލް ކޭމޫ އަލަށް ޑައިރެކްޓްކޮށް މި އަހަރު ގެނެސްދިން ފިލްމު "މަދުގާއޯ އެކްސްޕްރެސް" ގެ ބަތަލާ އަކީ ނޯރާ އެވެ.
ލަވަ ވެސް ކިޔާ ނޯރާ އަކީ މިހާރު ބޮލީވުޑްގެ ނުފޫޒު ގަދަ ނަމެކެވެ.