Last Updated: November 24, 23:51
Sunday, November 24, 2024
މުނިފޫހިފިލުވުން

މިހާރު ސިނގިރެޓް ބުއިން ހުއްޓާލައިފިން: ޝާހްރުކް

ދުންފަތުގެ އިސްތިއުމާލު ކުރުން މިހާރު އެއްކޮށް ހުއްޓާލާފައިވާ ކަމަށާއި އެ ނިންމުމާ މެދު މިހާރު އުފާ ވެސް ކުރާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ޝާހްރުކް ޚާން ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ފާހަގަކުރި އޭނަގެ 59 ވަނަ އުފަން ދުވަހާ ގުޅިގެން މީޑިއާތަކާ އެކީ ބޭއްވި އިވެންޓެއްގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުނީ މިހާރު ފޭނުންނަށް ދޭން އޮތް އެންމެ އުފާވެރި އެެއް ޙަބަރަކީ ވެސް އޭނަ ދުންފަތާ ދުރުވި ވާހަކަ ކަމަށެވެ.

"މިހާރު އެކަން އެެއްކޮށް ހުއްޓާލައިފިން." ޝާހްރުކް ބުންޏެވެ.

އޭނަ ބުނީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން ފުރަތަމަކޮޅު ވަރަށް އުނދަގޫވި ކަމަށެވެ. ނަމަވެސް މިހާރު ހުރިހާ ކަމެއް ހަމައަކަށް އެޅިފައިވާ ކަމަށް ބުންޏެވެ އެހެންވެ ދެން ދުވަހަކު ވެސް ދުންފަތާ ކައިރި ނުވާނެ ކަމަށް ތިން ކުދިންގެ ބައްޕަ ބުންޏެވެ.

ވަރަށް ގިނަ ބަޔަކު ރޯލް މޮޑެލްއެއްގެ ގޮތުގައި ވެސް ދެކޭ ޝާހްރުކް ދުންފަތުގެ އިސްތިއުމާލު ކުރާތީ ވަރަށް ގިނަ ބަޔަކު އެކަމާ ގުޅިގެން އޭނަ އަށް ފާޑުކިޔާފައިވެ އެވެ. އަދި ދުންފަތުގެ ބާވަތްތަކެއްގެ އިޝްތިހާރުތަކެއްގައި ވެސް ހިއްސާވެފައިވާތީ އެކަމާ ވެސް ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވެ އެވެ.

ޝާހްރުކް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލިކަން ކަށަވަރުކޮށްދިން އިރު، މީގެ ކުރިން ވެސް އެކަން ހުއްޓައިލަން ވަރަށް މަސައްކަތްކޮށްފައިވާ ކަމަށް އޭނަ އެކި އިވެންޓްތަކުގައި ބުނެފައިވެ އެވެ.