1988 ނޮވެންބަރު 3 ގައި ލިބުނު ގެއްލުމަށްވުރެ މާ ބޮޑެތި ގެއްލުމާއި ބިރުވެރިކަން 2012 ފެބްރުއަރީ 8 ގައި ސިޔާސީ ޕާޓީއަކުން ދީފައިވާ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސިޔާސީ ޕާޓީގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ.
އެގޮތުން މި ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރުން އިބްރާހިމްދީދީ ވިދާޅުވީ ސިޔާސީ ޕާޓީތައް ރާއްޖެއަށް އައިސްގެން ހަރުދަނާ ނުކޮށް ހިންގުމުގެ ސަބަބުން ރާއްޖޭގެ ހަމަހިމޭން ކަމާއި ރައްޔިތުންގެ މަޑުމައިތިރިކަމާއި ކެއްތެރިކަން އަދި ސުލުހަވެރިކަން ނަގާލާފައިވާ ކަމަށެވެ.
2012 ފެބްރުއަރީ 8 ވަނަ ދުވަހު ރާއްޖޭގައި ހިނގި ކަންކަމަކީ ސިޔާސީ ޕާޓީއަކުން ހިންގި ކަންކަން ކަމަށާއި އެއީ ބިރުވެރި ނާމާން ދުވަހެއް ކަމަށް އިބްރާހިމްދީދީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރޭގަ މިފާހަގަކުރީ ނަސްރުގެ ދުވަސް، ނޮވެންބަރު 3. އެދުވަހަށްވުރެ މާ ބޮޑެތި ގެއްލުންތައް މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނަށް، މާ ނާމާން، މާ ބިރުވެރި ކަންތައްތަކެއް ސިޔާސީ ޕާޓީއަކުން ފެބްރުއަރީ 8، 2012 ގައި ހިންގާފައިވޭ. ކޮބައިތޯ ސިޔާސީ ޕާޓީ އައިސްގެން ލިބުނު ފައިދާ؟" އިބްރާހިމްދީދީ ވިދާޅުވި އެވެ.
1988 ނޮވެންބަރު 3 ގައި ބާޣީން ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލާފައިވެ އެވެ.
އިބްރާޙިމްދީދީ މިފަދައިން ވިދާޅުވީ ފެބްރުއަރީ 8 ގައި އެކިތަންތަނުގައި ހުޅުޖެހިކަން ފާހަގަކޮށް ދެއްކެވި ވާހަކައިގެ ތެރެއިންނެވެ. އަދި އެދުވަހު ހިންގާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ކުރީގެ ރައީސުންނަށް ބޮޑު އަދަދެއް ދައުލަތުގެ ބަޖެޓުން ލިބޭކަން ފާހަގަކޮށް އިބްރާހިމްދީދީ ވިދާޅުވީ އެބޭފުޅުން ކުރައްވަނީ ކޮންކަމެއްތޯ ބަލަންޖެހޭ ކަމަށެވެ. ގައުމު ފަސާދުކުރުން ނޫންކަމެއް ބައެއް ވެރިިން ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ބައެއްފަހަރު ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެކަހެރިކޮށް ވެރިކަން ކުރައްވާ ބޭފުޅުންގެ އަނބިން ޕާޓީތައް ހިންގާތައްވެސް ފެނިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.