Last Updated: December 3, 21:46
Tuesday, December 3, 2024
ޚަބަރު

ފޭދޫ 'ނޮޑީސް ކޮފީ' އާއި ނާޒިޝްގެ ވާހަކަ ކެމްްޕަހަށް

ނާޒިޝް 'ނޮޑީސް ކޮފީ' ގައި. ފޮޓޯ/ ނޮޑީސް ކޮފީ

އައްޑޫ ފޭދޫގައި ހިންގަމުން އަންނަ "ނޮޑީސް ކޮފީ" ގެ ވެރިޔާ ނާޒިޝް މުހައްމަދުގެ މި ކާމިޔާބު ވިޔަފާރީގެ ވާހަކަ މާދަމާ ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގައި ކިޔައިދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެކަމާ ގުޅޭ ސެޝަން ބާއްވަން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 5:00 ގައި ހިތަދޫ ކެމްޕަހުގެ ކޮންފަރެންސް ރޫމްގަ އެވެ.

"ނޮޑީސް ކޮފީ" އާއި ނާޒިޝްގެ ވާހަކަ ހިތަދޫ ކެމްޕަހުން މި ގެނެސްދިން އެތަނުން މިހާރު އާ ވިޔަފާރިތަކަށް ހާއްސަކޮށްގެން "ސްޓާޓަޕް ސްޓޯރީސް" ގެ ނަމުގައި ސިލްސިލާކޮށް ގެނެސްދޭން ފެށި ޕްރޮގްރާމްގެ ތެރެއިންނެވެ. އެގޮތުން ނާޒިޝްގެ ތަޖުރިބާ ހިއްސާކޮށްދޭން ހަމަޖެހިފައި މި ވަނީ މީގެ ތިން ވަނަ އެޕިސޯޑް ކަމަށް ހިތަދޫ ކެމްޕަހުން ބުންޏެވެ.

އެހެންވެ އޭގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.

ނާޒިޝް އާއި އޭނަގެ ރަޝިއާގެ ބައިވެރިޔާ ގުޅިގެން 2022 ގައި ފެށި "ނޮޑީސް ކޮފީ" އަކީ އައްޑޫގައި ކޮފީގެ މުޅިން ތަފާތު ތަޖުރިބާތަކެއް ގެނެސްދޭނެ ތަނެކެވެ.

މި ކުޑަކުޑަ ކެފޭ ހިންގަމުން އަންނަނީ ފޭދޫ ލިންކް ރޯޑްގަ އެވެ.