ބޭސްފަރުވާގެ އަސާސީ ހައްގުން ދިވެހި ރައްޔިތުން މަހްރޫމު ނުކުރުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ގޮވާލައްވައިފި އެވެ.
ޝާހިދު މިކަމަށް ގޮވާލާފައިމިވަނީ ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް އާސަންދަ ދިނުމުގައި ބަދަލުތަކެއް ގެނައުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން އެންސްޕާ އިން އިއްޔެ ވަނީ ޕްރައިވެޓް އިންޝުއަރެންސް ނުލިބޭ ހާލަތުގައި އާސަންދަ ސްކީމުން ކުރިން ވެެސް ހިދުމަތް ލިބެމުންދާ ގޮތަށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެ ކަމަށް ބުނެފަ އެވެ.
ޝާހިދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭސް ސިޓީއަށް ސަލާން ޖެހުން ނިމުމަކަށް ގެނެސް, އައިޑީ ކާޑު ދައްކާލުމުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ޞިއްޙީ ނިޒާމަކީ އެމްޑީޕީން ރާއްޖެއަށް ގެނައި ހެޔޮ ވެރިކަމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ. އަދި ދިވެހި އެއްވެސް ރައްޔިތަކު ބާކީނުކޮށް, ހެލްތު އިންޝުއަރެންސްގެ ވަށައިޖެހޭ ނިޒާމެއް އެމްޑީޕީގެ ވެރިކަމުގައި އެކުލަވާލީ އެ ކަމަކީ އެންމެހާ ރައްޔިތުން ޝާމިލް ކުރަންޖެހޭ އަސާސީ ޙައްޤަކަށް ވާތީ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެހެންނަމަވެސް ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު އާސަންދަ ނިޒާމުން ބާކީކޮށް, މި ހަރުދަނާ ނިޒާމަށް މި ސަރުކާރުން ގެންނަމުން މިދާ ބަދަލުގެ ޙަޤީގީ އަމާޒަކީ, ވަކި ސިޔާސީ ފިކުރަކަށް ނިސްބަތް ވުމުން މި އަސާސީ ޙައްޤުން މަޙްރޫމު ކުރުން ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ބޭސް ސިޓީއަށް ސަލާން ޖެހުމުގެ ޘަޤާފަތް އިއާދަ ކޮށް، މުޅި ޞިއްޙީ ނިޒާމު ސިޔާސީ ކޮށްލުމަކީ ވެސް މީގެ އަމާޒެއް ކަމަށް ވިދާޅުވި އެވެ.
"ބޭސްފަރުވާގެ އަސާސީ ޙައްޤުން ދިވެހި ރައްޔިތުން މަޙްރޫމު ނުކުރުމަށް ހަރު އަޑުން މި ސަރުކާރަށް ގޮވާލަން. ސިއްޙީ ނިޒާމު ސިޔާސީ ކުރުން ހުއްޓާލާ،" ޝާހިދު ވިދާޅުވި އެވެ.