ސިފައިންގެ އާއި ޕޮލިހަށް ވައްދަން ވާނީ އިލްމީ މީހުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޒުވާނުން ސިފައިންގެ އާއި ފުލުހަށް ވެއްދުމަށް ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގެ ނަމުގައި އަންނަ އަހަރުން ފެށިގެން ގައުމީ ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފަ އެވެ. މި ޕްރޮގްރާމްގައި އުމުރުން 16 އަހަރުވުމަށް ފަހު ތައުލީމު ހާސިލުކުރަން މައްޗަށް ދިޔުމަށް ފުރުސަތު ނުލިބޭ ކުދިންނާއި އަދި ވަޒީފާއެއް ވެސް ނުލިބޭ ކުދިން ބައިވެރިވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ޕްރޮގްރާމްގެ ނަތީޖާއެއްގެ ގޮތުން ސިފައިންގެއަށް 4،000 އޮފިސަރުން އަދި ފުލުހުންގެ ހިދުމަތަށް 1،000 އޮފިސަރުން އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މިއަދު ސިފައިންގެ އާއި ޕޮލިހަށް ބޭނުން ވަނީ ނަތީޖާ ދަށް ފަރާތްތަކެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ އެންމެ ވަރުގަދަ ދެ މުއައްސަސާ ކަމަށްވާއިރު އެ ތަންތަނަށް ވަންނާނެ މީހުން މިހާރު ވާނެ ކަމަށެވެ.
"ސިފައިންނާއި ފުލުހުންގެ ތެރޭގައި އެންމެ އެކަށީގެން ނުވާ މީހުންތަކެއް ނަގައިގެން ކީއްކުރަންހޭ މި އުޅެނީ. އެތަނުގައި ފޮޅާ ސާފުކުރަންހޭ މި އުޅެނީ. އެމީހުންގެ އިލްމީ ގާބިލުކަމެއް އޮންނަން ވާނެ، ހަމައެކަނި ފިޒިކަލް ތަމްރީނެއް ނޫނޭ،" ޔާމީން ވިދާޅުވި އެވެ.
ފުލުހުންނާއި ސިފައިންނަކީ އަބަދު ނިކުމެ މަގުމަތީގައި އެނބުރެންޖެހޭ ބައެއް ނޫން ކަމަށާއި އެމީހުންނަކީ އެއަށް ވުރެ މާ ސްޓްރެޓިޖިކް މަސައްކަތްތަކެއް ކުރާ ބައެއް ކަމަށްވާއިރު އެ ތަންތަނަށް ނަގަން ވާނީ އެ ކަންކަން ކުރެވޭނެ ވަރުގެ ގާބިލުކަން ހުރި ފަރާތްތަކެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"އެމީހުންނަށް ކުރިއަށް ދެވޭނެ ކަމުގެ ރިސޯސް ހުރިކަން، އެ ކުދިންގެ ކިޔެވުމުން މިހާތަނަށް ދައްކާފައި ތިބި ކުދިން ނަގަން ޖެހޭނީ،" ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ޔާމީން ވަނީ ރައީސް މުއިއްޒު ވިދާޅުވާ އަދަދަށް ސިފައިންގެ އާއި ޕޮލިހަށް މީހުން ބޭނުންވާކަން އެ މުއައްސަސާތަކުން މިހާތަނަށް ބުނެފައި ނުވާ ކަމަށާއި އަދި ބަޖެޓަށް ފައިސާ އިތުރުވެގެންދާއިރު މިކަން ދެކޮޅު ޖައްސާނެ ގޮތެއް ވެސް ނެތް ކަމަށް ވިދާޅުވެފަ އެވެ.