ބަތަލާ ކަރީނާ ކަޕޫރާ އެކު ޑައިރެކްޓަރު މެގްނާ ގުލްޒާރު ހަދަން ނިންމާފައިވާ ފިލްމު "ދާއިރާ" ގެ ބަތަލުގެ ރޯލު އަޔޫޝްމަން ކްރާނާ ދޫކޮށްލާފައިވާތީ އެ ރޯލު އެހެން އެކްޓަރަކށް ދީފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަޔޫޝްމަން ސޮއިކޮށްފައި ހުރި އެހެން ޕްރޮޖެކްޓްތަކަށް ވަގުތު ދޭން ޖެހިފައި އޮތުމުން މެގްނާގެ ފިލްމަށް، ވަގުތު ދޭން ބޮޑެތި ތާށިތަކާ ހުރުމާ ގުޅިގެން އޭނަ ފިލްމު ދޫކޮށްލީ އެވެ. އެހެންވެ އޭނަގެ ބަދަލުގައި "ދާއިރާ" ގައި ފުލުހެއްގެ ރޯލު ކުޅޭނީ މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން އެވެ.
ކުރިން ވެސް ހިންދީ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފްގެ "ބަޅޭ މިޔާ ޗޯޓޭ މިޔާ" އިންނެވެ. ޕްރިތުވީ ކުޅެފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި ރާނީ މުކަރްޖީގެ 2012 ގެ "އައްޔާ" އާއި ރަންވީރު އަރުޖުން ކަޕޫރްގެ 2023 ގެ "އޯރެންގަޒަބް" އަދި ތާޕްސީ ޕައްނޫގެ 2017 ގެ "ނާމް ޝަބާނާ" ފާހަގަކޮށްލެވެ އެވެ.
އަންނަ އަހަރު ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާން ބޮލީވުޑަށް ތައާރަފު ކުރަން ހަމަޖެހިފައިވާ ފިލްމު "ސަރްޒަމީން" އިން ވެސް ޕްރިތުވީރާޖް ފެންނާނެ އެވެ. އޭގެ ކާސްޓްގައި ކާޖޮލް ވެސް ހިމެނެ އެވެ.
ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ މެގްނާގެ "ދާއިރާ" އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ. މި ފިލްމަކީ މެގްނާއާ އެކީ ކަރީނާ މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓެވެ.
އާންމުކޮށް ހަގީގީ ހާދިސާތަކަށް ފިލްމު ހަދާ މެގްނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ވިކީ ކޯޝަލާ އެކީ ގެނެސްދިން ބައޮގްރަފިކަލް ޑްރާމާ "ސޭމް ބަހާދޫރު" އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ދާއިރާ" ގެ ޝޫޓިން މި މަހުގެ ތެރޭގައި ފަށާނެ އެވެ.