Last Updated: November 24, 21:27
Sunday, November 24, 2024
މުނިފޫހިފިލުވުން

ބިޒީކަމުން ބައިވެރިޔަކު ހޯދާނެ ވަގުތެއް ވެސް ނެތް

ފިލްމީ މަސައްކަތްތަކުގައި ވަރަށް ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން ބައިވެރިޔަކު ހޯދާނެ ވަގުތެއް ވެސް ނުވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ޒުވާން އެކްޓަރު ކާތިކް އާރިއަން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 3" ގެ އެކްޓަރު ދަ މެޝަބަލް އަށް ބުނީ އޭނަ ހުސްކޮށް ހުންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ. ކާތިކް ބުނި ގޮތުގައި މި އަހަރުގެ ޖޫންގައި ރިލީޒްކުރި "ޗަންދޫ ޗެމްޕިއަން" ގެ މަސައްކަތް މިދިޔަ އަހަރުގެ ކުރީކޮޅު ފެށި ފަހުން އުޅެން ޖެހުނީ ވަރަށް އުނދަގޫ، ބުރަ ރޫޓީންއެއްގެ ތެރޭގަ އެވެ.

އެގޮތުން އެ ފިލްމުގައި ދައްކުވައި ދިން އެކި ދުވަސްވަރަށް ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުމާއި "ޗަންދޫ ޗެމްޕިއަން" ނިންމާލިތަނާ "ބޫލް ބުލައްޔާ 3" އަށް ވެސް ތައްޔާރުވާން ޖެހުމުން ހުރިހާ ވަގުތަށް ހުސްކުރަން ޖެހިފައި އޮތީ ފިލްމީ މަސައްކަތްތަކަށް ކަމަށް ބުންޏެވެ.

"ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ވަރަށް ބުރަކޮށް އުޅެން ޖެހުނީ. އެހެންވެ އަސްލު އަމިއްލަ ކަންކަމަށް ވެސް ވަގުތު ހޯދުން ދަތިވެފައި އޮތީ،" މިހާރު އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައ ހިމެނޭ ކާތިކް ބުންޏެވެ. "ތެދަށް ބުނަންޏާ ބިޒީކަމުން ލޯބިވެރިޔަކު ހޯދާނެ ވަގުތެއް ވެސް ނެތް."

ކާތިކް، 33، ކުރިން ރައްޓެހިވި ކަމަށް އަޑުއެރި މީހުންގެ ތެރޭގައި އޭނަގެ 2019 ގެ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގެ ބަތަލާ އަނަންޔާ ޕާންޑޭ އާއި 2020 ގެ ފިލްމު "ލަވް އާޖް ކަލް" ގެ ބަތަލާ ސާރާ އަލީ ޚާން ހިމެނެ އެވެ. ބަތަލާ ސާރާ ސުތާރިއާ އާއި ކާތިކް ރައްޓެހިވެގެން އުޅޭކަމުގެ އަޑުތަކެއް ވެސް މި ފަހުން އެރި އެވެ.

ނަމަވެސް މިހާރު ރައްޓެހިވެގެން އުޅެނީ އަރުނަދޭ ސިންގްއާ އެވެ.

ކާތިކްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމަކާއި ޑައިރެކްޓަރު އަނޫރާގް ބާސޫގެ "އާޝިގީ 3" ގެ އިތުރުން އަނޫރާގް ޑައިރެކްޓްކުރާ އެހެން ފިލްމެއް ހިމެނެ އެވެ.