ބޮލީވުޑްގެ އަސަރު ގަދަ ލޯބީގެ ފިލްމު "ވީރު-ޒާރާ" ރިލީޒްކުރިތާ މި މަހު 20 އަހަރު ފުރޭތީ، އެކަމާ ގުޅުވައިގެން އެ ފިލްމު އަލުން ބޭރު ގައުމުތަކުގައި އަޅުވާ ގޮތަށް ނިންމައުފި އެވެ.
އެކަން އިއުލާންކޮށް، އެ ފިލްމު އުފެއްދި ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) އިން ބުނީ ފިލްމު އަލުން ބޭރު ގައުމުތަކުގެ ސިނަމާތަކުގައި ދައްކަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ. އަދި "ވީރު-ޒާރާ" އަލުން ބެލުންތެރިންނަށް ގެނެސްދެނީ ފިލްމުގައި ކުރިން ހިމަނާފައި ނެތް ލަވައަކާ ވެސް އެކީގަ އެވެ.
އެ ލަވަ އަކީ "ޔޭ ހަމް އާ ގަޔޭ ހޭ ކަހާ" އެވެ.
ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޗޯޕްޅާ ޑައިރެކްޓްކުރި ފިލްމުގެ އެ ލަވަ އަކީ ކުރިން "ވީރު-ޒާރާ" އަށް ކިޔަން ނިންމި ނަމެވެ. ނަމަވެސް ފިލްމު ރިލީޒްކުރީ ޝާހްރުކް ޚާން ކުޅުނު ވީރުގެ ކެރެކްޓާ އާއި ޕްރިތީ ޒިންތާ ކުޅުނު ޒާރާގެ ކެރެކްޓާގެ ނަމުންނެވެ. ނޮވެމްބަރު 12، 2004 ގައި ރިލީޒްކުރި މި ފިލްމަކީ ޕާކިސްތާންގެ ސިފައިންގެ މީހަކާއި އިންޑިއާގެ އަންހެނަކާ ދެމެދު ހިނގާ ވަރަށް އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދިން ފިލްމެކެވެ.
"ވީރު-ޒާރާ" ގެ ސްކްރީންޕްލޭ ޔާޝްގެ ދަރިފުޅު އަދިތިޔާ ޗޯޕްްޅާ ލިޔުނު އިރު، އޭނަގެ އަންހެނުން ރާނީ މުކަރްޖީ ފިލްމުގައި ވަކީލެއްގެ ރޯލު ކުޅެފައިވެ އެވެ.
މި ފިލްމު މި ހަފުތާގައި އަލުން ބޭރުގެ މާކެޓަށް ދޫކޮށްލާ އިރު، ދާދި ފަހުން އިންޑިއާގައި ވެސް ފިލްމު އަލުން ދައްކާފައިވެ އެވެ. "ވީރު-ޒާރާ" ހިމެނެނީ ހިންދީ ސިނަމާގެ އެންމެ ރީތި އަދި އެންމެ ކާމިޔާބު ލޯބީގެ ފިލްމުތަކުގެ ތެރޭގަ އެވެ. މީގެ ކާސްޓްގައި މަނޯޖް ބަޖްޕާއީ އާއި ދިވްޔާ ދައްތާ އާއި ކިރަން ކޭރްގެ އިތުރުން ބޮމަން އިރާނީ ވެސް ހިމެނެ އެވެ.
އަދި އަމީތާބް ބައްޗަނާއި ހެމާ މާލިނީގެ ހާއްސަ ފެނިލުންޔަކެއް ވެސް "ވީރު-ޒާރާ" ގައި ހިމެނެ އެވެ.