Last Updated: January 28, 05:44
Tuesday, January 28, 2025
ޚަބަރު

ހަސީބް އީސީ އަށް އައްޔަން ކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އަބްދުލް ހަސީބް އިސްލާއިލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އޭނަ މެންބަރުކަމު ކަމަށް އައްޔަންކުރަނީ ކޮމިޝަންގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ފުއާދު ތައުފީގުގެ ދައުރު ހަމަވާތީ އެވެ. އެ މަގާމަށް ހަސީބް އައްޔަންކުރުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ 14 ގަ އެވެ.

ހަސީބްގެ ނަން ފާސްކުރުމުގެ ކުރިން އޭނަ އެ މަގާމަށް އެކަށީގެންވޭތޯ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވި އެވެ.

އެގޮތުން ކޮމިޓީން ހަސީބާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި, އޭނައާ އިންޓަވިއު ވެސް ކޮށްފައިވެ އެވެ. ކޮމިޓީ ރިޕޯޓު ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު, މާފުށި ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ އާދަމް ވިދާޅުވީ ޝަކުވާއެއް ލިބިފައި ނުވާ ކަމަށާއި އިންޓަވިއުއިން ހަސީބަށް 88.88 ޕަސއެންޓް މާކްސް ލިބިފައިވާ ކަމަށެވެ.

ހަސީބް އެ މަގާމަށް އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 67 މެންބަރުންގެ އިއްތިފާގުންނެވެ.

ހަސީބަކީ އިންޑިއާގެ ބެންގަލޫރުގެ ޔުނިވާސިޓީއަކުން ކޮމާސްއިން ބެޗްލާސް އަދި މެލޭސިއާގެ ޔުނިވާސިޓީއަކުން ބިޒްނަސްގެ ދާއިރާ އިން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ ކުރިން އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމާއި އެ މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްގެ މަގާމް ވެސް ފުރުއްވި އެވެ.

ހަސީބް މިހާރު ހުންނެވީ އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގަ އެވެ.