މިރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ސްރީލަންކާގެ މަޝްޙޫރު ދާޢީ ޝެއިޚް މުއިޒް ބުޚާރީގެ ދަރުސަށް ވަރަށް ހޫނު ތަރުޙީބެއް ލިބިއްޖެއެވެ.
މިރޭގެ ތަރާވީހް ނަމާދަށް ފަހު ހިތަދޫ މަސްޖިދުލް ޒިކްރާގެ އިރުމަތީ ފަރާތުގައި "ހާޓް ތެރަޕީ"ގެ ނަމުގައި ބޭއްވި ދަރުސް އަޑުއެހުމަށްޓަކައި ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ހާޒިރުވެފައެވެ.
އައްޑޫ ސިޓީގައި އަލް-އަސްރު ޖަމިއްޔާއާއި ނޫރުލް އިސްލާމް ގުޅިގެން ކުރިއަށް ގެންދާ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ރޭ ކުރިއަށް ގެންދިޔަ ދަރްސަކީ ޒިކްރާފައުންޑޭޝަނާއި ގުޅިގެން އިންތިޒާމް ކުރި ދަރްހެކެވެ. ރޭގެ ދަރްސަށް ފަހު މުއިޒް ބުޚާރީ ވަނީ ދަރުސް އަޑު އެހުމަށް ހާޒިރުވި މީހުންގެ ސުވާލުތަކަށް ވެސް ޖަވާބު ދެއްވާފައެވެ.
"ހާޓް ތެރަޕީ"ގެ ނަމުގައި ބޭއްވި ދަރުސްގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލާފައިވަނީ ކީރިތި ޤުރުއާނާއި ދީނީ އަޅުކަންތަކުގެ ޒަރިއްޔާއިން ހިތް ސާފުކުރުމުގެ މައްޗަށެވެ. މުއިޒް ބުޚާރީ ވަނީ މިރޭގެ ދަރުސްގައި ވަރަށް ތަފްސީލްކޮށް މި މައުޞޫއަށް ވާހަކަދައްކަވާފައެވެ.
މިރޭގެ ދަރުސަށް ގިނަ ބަޔަކު ހާޒިރުވެފައިވާއިރު މިއީ އައްޑޫ ސިޓީގައި އެންމެ ގިނަ ބަޔަކު ހާޒިރުވި ދީނީ ދަރުސް އަށް ވާނެ ކަމަށް ދަރުސް އިންތިޒާމްކުރި ފަރާތުން މަޢުލޫމާތު ދެއްވައެވެ.
މާދަމާގެ ނިޔަލަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްގެ ދަށުން މިއަދު ހިތަދޫގައި ވަނީ ޚާއްސަ "ސެޓް ޔޯ ގޯލް" ގެ ނަމުގައި ރޯޑް ޝޯވް އެއްވެސް ބާއްވައިފައެވެ. މި ރޯޑް ޝޯވް ގައި ޝެއިޚް ޝަމީމް، ޝެއިޚް ޢަބްދުﷲ ރަޝީދު، ޝެއިޚް ޔާމީން ނަސީރް އަދި ޝެއިޚް މުހައްމަދު އަނީލް ވަނީ ބައިވެރވެވަޑައިގެންފައެވެ.