Last Updated: November 21, 16:54
Thursday, November 21, 2024
ރިޕޯޓް

ތަފްސީރު ޢިލްމުގެ މުޤައްދިމާ (ބާބު 8)

(ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ޢަރަބި ބަހުގެ އެހީގައި ކީރިތި ޤުރުއާން ތަފްސީރުކުރުން:

ޢަރަބި ބަހަކީ އެކިއެކި ބަސްތަކުގެ ތެރެއިން އެންމެ ފަޞާޙާތްތެރި އެންމެ މުއްސަނދި ބަހެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާން ބާވައިލެއްވުމަށް އިރާދަކުރެއްވީ ޢަރަބި ބަހުންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿إِنَّا جَعَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ﴾ سورة الزخرف: 3
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް ބާވައިލައްވާފައިވަނީ، ޢަރަބި ބަހުންއޮތް ޤުރުއާނެއް ކަމުގައެވެ. އެއީ ތިޔަބައި މީހުން ވިސްނުމަށްޓަކައެވެ."

ކީރިތި ޤުރުއާނުގެ ބައެއް ކަލިމަތަކަކީ މާނަ ފުން ކަލިމަތަކެކެވެ. އެތައް މާނައެއް ހިމެނޭ ކަލިމަތަކެކެވެ. ކީރިތި ޤުރުއާނުގައި ޢަރަބިންގެ އެކި ޤަބީލާތަކާއި އެކި ސަރަޙައްދުތަކުގެ ބަސްތައްވެސް ހިމެނެއެވެ. އެހެންކަމުން ޢަރަބި ބަސް އެނގޭ ޢަރަބިންނަށްވެސް މާނަ ފަހުމުނުވެދާނެ ކަލިމަތައްވެސް ކީރިތި ޤުރުއާނުގައި ހުރެއެވެ.

ޢަބްދުﷲ ބުން ޢައްބާސްގެފާނަށް އަންނަނިވި އާޔަތް: {فَاطِرِ السَّمَاوَاتِ وَالْأَرْضِ}، މިއާޔަތުގައިވާ ";فَاطِرِ" މިލަފްޒުގެ މާނަ ރަނގަޅަށް ފަހުމުވުމުގައި ދަތިކަމެއް ދިމާވިއެވެ. އެއްދުވަހަކު އަޢުރާބީންގެ ދެމީހަކު ވަޅެއްގެ މިލްކުވެރިކަމުގެ މައްސަލައެއްގައި ނިޔާއެއް ހޯދުމަށް އެކަލޭގެފާނުގެ އަރިހަށް އައެވެ. އެތަނުން އެކަކު ބުންޏެވެ:

"فطرتها" މާނައީ: "ވަޅު ހެދީ (ކޮނުނީ) އަހުރެންނެވެ" އެހިނދު ";فَاطِرِ" މި ލަފްޒުގެ މާނައަކީ ހެދުން ނުވަތަ އުފެއްދުންކަން ޢަބްދުﷲ ބުން ޢައްބާސްގެފާނަށް އެނގިވަޑައިގެންނެވި އެވެ.

ޞަޙާބީންނާއި ތާބިޢީންނާއި އުންމަތުގެ ދަންނަބޭކަލުންވަނީ ކީރިތި ޤުރުއާން ތަފްސީރުކޮށް މާނަތައް ތިލަކޮށްދިނުމުގައި ޢަރަބި ބަހަށް ރުޖޫޢަވެފައެވެ. ޢަރަބި ބަހުގެ ޅެންތަކުން ހެކި ދައްކަމުން ކީރިތި ޤުރުއާނުގެ ކަލިމަތަކުގެ މާނަ ތަފްސީރުކޮށް ދިނުމަކީ އެ ބޭކަލުންގެ ތަފްސީރު ރިވާޔަތްތަކާއި ފޮތްތަކުން ވަރަށް ގިނައިން ފެންނަ ކަމެކެވެ. ޢަބްދުﷲ ބުން ޢައްބާސްގެފާނު ވިދާޅުވެފައިވެ އެވެ: ކީރިތި ޤުރުއާނުގެ ކަލިމައެއްގެ މާނަ ދޭހަވުމުގައި އުނދަގޫ ކަމެއް ދިމާވެއްޖެނަމަ ތިޔަބައި މީހުން ޢަރަބިންގެ ޅެންތަކަށް ބަލާށެވެ. ފަހެ ހަމަކަށަވަރުން ޅެމަކީ އެއީ ޢަރަބި ބަހެވެ. (އެބަހީ ޢަރަބި ބަހުގެ އެންމެ މުއްސަނދި ރަދީފެވެ)."

ޢަރަބި ބަހަކީ ކީރިތި ޤުރުއާނުގެ މާނަތައް ތިލަކޮށްދީ ފަހުމުކޮށްދިނުމަށް އެހީވާ އާލަތެކެވެ. މިއާލާތް ނެތް މީހާ ކީރިތި ޤުރުއާން ތަފްސީރުކުރުން ދަންނަބޭކަލުން މަނާކުރައްވަ އެވެ. އިމާމު މުޖާހިދު ވިދާޅުވެފައިވެ އެވެ: "ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހަކަށް ޢަރަބި ބަސް ނޭނގޭ ކަމުގައި ވާނަމަ، ﷲ ތަޢާލާގެ ފޮތާއި މެދު ވާހަކަ ދެއްކުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ."

އުންމަތުގެ ދަންނަބޭކަލުން ވަނީ ކީރިތި ޤުރުއާނުގައިވާ މާނަފުން ޢަރަބި ލަފްޒުތަކުގެ މާނަތައް ތިލަކޮށް ބަޔާންކޮށްދީ ފޮތްތަކެއް ލިޔުއްވާފައެވެ. މިގޮތުން "ޣަރީބުލް ޤުރުއާނި"; އަދި "މުފްރަދާތުލް ޤުރުއާނި" ނަމުގައި ގިނަ ފޮތްތަކެއް ދަންނަބޭކަލުން ލިޔުއްވާފައިވެއެވެ. މިފަދަ ފޮތްތަކުގެ ތެރެއިން އައްރާޣިބު އަލްއަސްފަހާނީ ލިޔުއްވާފައިވާ "މުފްރަދާތު އަލްފާޠިލް ޤުރުއާނި" ފޮތަކީ މި މައުޟޫގައި މަޝްހޫރު ފޮތެކެވެ. އަދި އަބޫ ޢުބައިދާ ލިޔުއްވާފައިވާ "މަޖާޒުލް ޤުރުއާނި" ފޮތަކީ ވެސް މި މައުޟޫގައި މުހިންމު ފޮތެކެވެ.

ޢަރަބި ބަހަކީ ކީރިތި ޤުރުއާން ތަފްސީރު ކުރުމުގައި މުހިންމު މަސްދަރެއް ކަމުގައިވިޔަސް، ކީރިތި ޤުރުއާނުގައިވާ ޢަރަބި ކަލިމަތައް މާނަކުރުމުގައި ޝަރުޢީ މާނައެއް ވާކަމުގައިވާނަމަ، ބަހުގެ މާނައަށްވުރެ ޝަރުޢީ މާނަ އިސްކުރަންޖެހޭނެއެވެ. މީގެ މިޘާލަކީ ތައުބާ ސޫރަތުގެ 84 ވަނަ އާޔަތެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: {وَلَا تُصَلِّ عَلَى أَحَدٍ مِنْهُمْ مَاتَ أَبَدًا} [التوبة: 84]
މިއާޔަތުގައިވާ "الصلاة" ގެ ޢަރަބި ބަހުގެ މާނައަކީ ދުޢާއެވެ. އެގޮތަށް މާނަކޮށްފިނަމަ އާޔަތް މާނަކުރެވޭނީ އަންނަނިވި ގޮތަށެވެ: "އެއުރެންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކުވެސް ދުޢާ ނުކުރައްވާށެވެ!"

އެހެނަސް މި އާޔަތުގައި މިލަފްޒު އައިސްފައި ވަނީ ބަހަވީ މާނައެއްގައި ނޫނެވެ. ބަސް އައިސްފައިވަނީ "الصلاة" މި ލަފްޒުގެ ޝަރުޢީ މާނައިގައެވެ. އެއީ އަންނަނިވި މާނައެވެ: "އެއުރެންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކު ވެސް ކަށުނަމާދު ނުކުރައްވާށެވެ!"

އެހެންކަމުން ކީރިތި ޤުރުއާނުގެ ތަފްސީރު ކުރުމުގައި ޢަރަބި ބަސް ބޭނުން ކުރަން ޖެހޭނީ އެހީދޭ ވަސީލަތެއްގެ ގޮތުގަ އެވެ. މުސްތަޤިއްލު އަސާސީ މަސްދަރެއްގެ ގޮތުގައެއް ނޫނެވެ. ލަފްޒުތައް މާނަކުރުމުގައި އާޔަތުގެ ސިޔާޤަށް ބަލާފައި ލަފްޒު އައިސްފައި ވަނީ ބަހަވީ މާނައިގައިތޯ ނުވަތަ ޚާއްސަ ޝަރުޢީ މާނައިގައިތޯ ބަލަން ޖެހޭނެ އެވެ. (ނުނިމޭ)

ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.