ވަކި ދާއިރާއަކުން ޚިދުމަތް ކުރަން ރައްޔިތުންނަށް މަޖުބޫރު ކުުރުމަކީ ޑިމޮކްރެޓިކް ނިޒާމާ ބީރައްޓެހި ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޒުވާނުން ސިފައިންގެ އާއި ފުލުހަށް ވެއްދުމަށް ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގެ ނަމުގައި އަންނަ އަހަރުން ފެށިގެން ގައުމީ ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފަ އެވެ. މި ޕްރޮގްރާމްގައި އުމުރުން 16 އަހަރުވުމަށް ފަހު ތައުލީމު ހާސިލުކުރަން މައްޗަށް ދިޔުމަށް ފުރުސަތު ނުލިބޭ ކުދިންނާއި އަދި ވަޒީފާއެއް ވެސް ނުލިބޭ ކުދިން ބައިވެރިވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ޕްރޮގްރާމްގެ ނަތީޖާއެއްގެ ގޮތުން ސިފައިންގެއަށް 4،000 އޮފިސަރުން އަދި ފުލުހުންގެ ހިދުމަތަށް 1،000 އޮފިސަރުން އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ޝާހިދު ވިދާޅުވީ ސަލާމަތީ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް ކުރިޔަށް ގެންދެވޭނީ ޢިލްމީ ޤާބިލު ޒުވާނުންނަށް ވެސް އެ ޚިދުމަތް ކުރުމަށް ފުރުސަތު ލިބިގެން ކަމަށެވެ.
އޯލެވެލް ގައި ރަނގަޅު ނަތީޖާއެއް ޙާސިލު ނުވާ ކުދިންނަށް އެކުއްޖެއްގެ ޝައުޤުވެރިކަން ހުރި ދާއިރާ އަކުން އިތުރު ތަމްރީނާއި ހުނަރުތައް ލިބޭނެ މަގު ފަހިކޮށްދީ ޤައުމުގެ ތަރައްޤީގައި ބައިވެރިވެ ޝާމިލުވެވޭ ގޮތަށް ޖާގަ އޮތުމަކީ އެފަދަ ޒުވާނުންގެ އުންމީދުތަކުގައި ޙަޤީގީ ކުލަޖެހިގެންދާނެ މަގު ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ރާއްޖޭގެ އަދުގެ ހަގީގީ ހާލަތަކީ އެއްވެސް މަޖުބޫރުކަމެެއް ނެތި ސަލާމަތީ ޚިދުމަތްތަކުން ފުރުސަތަށް އެދި އެތަށް ހާސް ޒުވާނުނެއް ވަޒީފާއަކަށް އެދި އެދި ތިބިކަން. ވަކި ދާއިރާއަކުން ޚިދުމަތް ކުރަން މަޖުބޫރުކުރުމަކީ ޑިމޮކްރަޓިކް ނިޒާމާއި ބީރައްޓެހި ގޮތެއް،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް އޮތް ރަނގަޅު ގޮތަކީ ޒުވާނުންގެ ހުނަރުތައް ތަރައްޤީ ކުރުމަށް މަގުފަހިކޮށްދިނުން ކަމަށާއި ވަސީލަތްތައް ހޯދައިދީ، ފުރުސަތު އިތުރުކޮށްދިނުން ކަމަށްވެސް ވިދާޅުވި އެވެ.