ރައީސް މުއިއްޒަކީ ތެދުވެރި ބޭފުޅެއް ކަމަށާއި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށި ސިޓީގައި "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އިގްތިސާދުގެ ދަތިކަމާއެކު ބައެއް މަޝްރޫއުތަކަށް މަޑުޖެހުން އައިސްފައިވީ ނަމަވެސް ރައީސްގެ ރިފޯމް އެޖެންޑާގެ ދަށުން މިއަދު ކަންކަމަށް ލުއިތަކެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ހުއްޓިފައި ހުރި މަޝްރޫއުތައް ލަސްތަކެއް ނުވެ ނިމުމާއެކު އާ މަޝްރޫއުތައް ފެށިގެންދާނެ ކަމަށާއި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުތައް ވަރަށް ރަނގަޅަށް ރައީސްގެ ހަނދުމަފުޅުގައި ހުންނަވާ ކަމަށް ވިދާޅުވި އެވެ.
"އެކަމަށް އިހުލާސްތެރި ބޭފުޅެއް އެއީ. އެމަނިކުފާނު އެ އޮތީ ވައުދު ފޮތެއް ވެސް ރައްޔިތުންނަށް ހުށަހަޅާ ދެއްވާފައި. އެއީ ސިއްރަކުން އެމަނިކުފާނު ކުރައްވަން ބޭނުންފުޅުވާ ކަމެއް ނޫން. ތެދުވެރި ބޭފުޅެއް، ގައުމަށް އިހުލާސްތެރި ބޭފުޅެއް އެއީ،" ނައިބު ރައީސް ވިދާޅުވި އެވެ.
ވެރިކަމަށް ވަޑައިގެން ރައީސް އެންމެ ފުރަތަމަ ވެސް އިސްވެވަޑައިގެންނެވީ ރާއްޖެ ވެއްޓިފައި އޮތް އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ކަމަށާއި ގައުމު މިހާލަތަށް ދިޔައީ ބަޔަކު މީހުން ނަހަމަ ގޮތުގައި ކުރި ކަންތައްތަކެއްގެ ސަބަބުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. މި ކަންކަމުން އަރައިގަތުމަށް ރައީސް ކުރައްވަމުން ގެންދަވަނީ ވަރަށް ހިތްވަރުގެ މަސައްކަތްޕުޅެއް ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ނައިބު ރައީސް ވަނީ ރަށްރަށަށް ވަޑައިގެން ކުޅިވަރު ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ކަމަށާއި އެ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އުއްމީދަކީ މި އަންނަ އަހަރުގެ ތެރޭގައި މިފަދަ ކަންކަން ރައްޔިތުންނަށް ހާސިލުކޮށްދިނުން ކަމަށްވެސް ވިދާޅުވި އެވެ.